ހަރަކާތްތެރި ނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އަލުން ހަރަކާތްތެރިވުމާއި ހިންގުމަށް އެދޭ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 30ގެ ނިޔަލަށް ހަމަވާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ސުންގަޑި އަށްވުރެ ކުރިން އަލުން ހަރަކާތްތެރިވުމަށް ހުށަހަޅާފައިނުވާ ކުންފުނިތައް، ކުންފުނީގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އުވާލެވޭނެ ކަމަށެވެ.
އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި އެ ވުޒާރާއިން ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އަލުން ހަރަކާތްތެރިވުމާއި ހިންގުމަށް އެދޭ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ30 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް ހަމަވާނެ ކަަމަށެވެ.
އެވުޒާރާއިން ވަނީ، ހަރަކާތްތެރި ނުވާ ކުންފުނިތަކުގެ ލިސްޓު ބަލާލުމަށް ސޯޝަލް މީޑިއާގައި ކިއުއާރް ކޯޑެއް ހިއްސާކުރައްވާފައެވެ.
⏳ 3 days remaining!
— Ministry of Economic Development and Trade (@MoEDmv) December 27, 2025
Don’t miss the window to reactivate your company status.
Act now.#EconomicDevelopment pic.twitter.com/7AlxANQgFN
އިޤްތިސާދީ ތަރައްޤީއާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏަކުން އަލުން ހަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭނަމަ، އެކަން އަންގައިދީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރު އެވުޒާރާގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ.
މިކަމަށް އެދި ހުށަހެޅުމަށް، ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އަލުން ހަރަކާތްތެރި ކުރުމަށް އެދި ލިޔެކިއުންތަކާއެކު ހުށަހަޅަންވާނެއެވެ. އެގޮތުން، އަހަރީ ހިސާބުތަކާއި، ރިޕޯޓުތަކާއި، ކުންފުނީގެ ބޯޑުގެ ނިންމުންތަކުގެ އިތުރުން މީރާއަށް ފައިސާ ދެއްކުމުން ދޫކޮށްފައިވާ ރަސީދު ހުށަހަޅަންވާނެއެވެ.
ޝަރުތު ފުރިހަމަވާނަމަ 15 ދުވަހުގެ ތެރޭގައި ކުންފުނި އަލުން ހަރަކާތްތެރިވުމަށް ހުއްދަ ދެވޭނެ ކަމަށްވެސް އިޤްތިސާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.