ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އައިޔޫއެމްއަށް އަންނަ އަހަރު އަލަށް ގުޅޭ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން އެ ޔުނިވަރސިޓީން ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކޮށްފިއެވެ.
މި ސްކޮލަރޝިޕް ސްކީމްގެ މަޤްސަދަކީ، ޔުނިވަރސިޓީއަށް އަލަށް ގުޅޭ ދަރިވަރުންނަށް ހިތްވަރު ދިނުމާއި، ޔުނިވަރސިޓީއަށް ގުޅޭ ދަރިވަރުން އިތުރުކޮށް ޝައުޤުވެރިކަން އިތުރުކުރުން ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަލަށް ތަޢާރަފް ކުރި ސްކޮލަރޝިޕް ސްކީމްގެ މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޔުނިވަރސިޓީން ވިދާޅުވީ، ސްކޮލަރޝިޕްގެ ފުރަތަމަ ބުރު އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްއާއެކު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަންނަ އަހަރު އައިޔޫއެމްއިން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ޚާއްސަ ކޮށްގެން ތަޢާރަފް ކުރި މި ސްކޮލަރޝިޕް ދެނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.
އެގޮތުން މިސްކީމްގެ ދަށުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ 20 ފުރުޞަތަކަށް ހުޅުވާލާފައިވާއިރު، އިންޓަނޭޝަނަލް ދަރިވަރުން ނުވަތަ ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް 5 ސްކޮލަރޝިޕްގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އެޑްވާންސް ސެޓްފިކެޓްގެ 10 ފުރުޞަތު
ފުރަތަމަ ޑިގްރީގެ 5 ފުރުޞަތު
މާސްޓާސް ޑިގްރީގެ 5 ފުރުޞަތު
ފުރަތަމަ ޑިގްރީގެ 2 ފުރުޞަތު
މާސްޓާރސް ޑިގްރީގެ 3 ފުރުޞަތު
މި ސްކޮލަރޝިޕް ސްކީމަށް ހޮވޭ ދަރިވަރުންނަކީ، 2026 ވަނަ އަހަރުގެ ފެބްރުއަރީގައި ޔުނިވަރސިޓީގައި ކިޔަވަން ފަށާ ދަރިވަރުންނަށް ވާންޖެހޭނެ ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.
މި ސްކޮލަރޝިޕް ސްކީމްއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން ވަނީ، ސްކޮލަރޝިޕަށް އެދޭނެ ގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
" އެ ދަރިވަރަކު ބޭނުންވާ ކޯހަކަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަ ކޮށްލުމަށްފަހު އެޕްލިކޭޝަން ފޯމް އަޅުގަނޑުމެންގެ މެއިލްއަށް ނުވަތަ ގޫގަލް ފޯމް މެދުވެރިކޮށްވެސް ފޯމް ފިލް ކޮށްލައިގެން ކޯހަށް އެޕްލައި ކުރެވޭނެ. ނުވަތަ އަޅުގަނޑުމެންގެ އެޑްމިޝަން ފޯޓަލް މެދުވެރިކޮށްވެސް، ކޯހަށް އޮންލައިންކޮށް ހަމަ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ކޯހަށް އެޕްލައި ކޮށްލެވޭނެ".
ސްކޮަލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ، އަންނަ މަހުގެ 31 ވާ ހޮނިހިރު ދުވަހެވެ.
މި ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުން ޔުނިވަރސިޓީއަށް ދައްކަންޖެހޭ ޓިއުޝަން ފީއާއި، އެޑްމިން ފީ ދައްކަން ނުޖެހޭނެ ކަމަށްވެސް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.