ޚަބަރު

މަޑިފުއްޓަށް ފުލުހުންގެ އުޅަނދެއް؛ ރައީސްގެ ވަޢުދު ފުއްދަވައިފި


  • ފުލުހުންގެ އުޅަނދެއް ފޮނުވައިދެއްވާނެކަމަށް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރުމަހު

  • މިއުޅަނދާއެކު ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބޭނެ

ތ. މަޑިފުށީގައި ފޯރުކޮށްދޭ ފުލުހުން ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް އެ ރަށަށް ފުލުހުންގެ އެއްގަމު އުޅަނދެއް ގެންގޮސްފިއެވެ.

މިއަހަރު ނިމުމުގެ ކުރިން މަޑިފުއްޓަށް ފުލުހުންގެ އެއްގަމު އުޅަނދެއް ފޮނުވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެރަށު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެކެވެ.

ތ. މަޑިފުށްޓަކީ މިހާރުވެސް ފުލުހުންގެ ޚިދުމަތް ދެމުން އަންނަ ރަށެކެވެ. އެ ރަށުގައި ފުލުހުންގެ ޚިދުމަތް ދެމުން އައިނަމަވެސް، އެރަށުގައި އެ ޚިދުމަތް ދިނުމަށް އެއްގަމު އުޅަނދެއް ނެތުމުގެ ސަބަބުން ގިނަ ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. އަދި މިކަމުގެ ކަންބޮޑުވުން އެ ރަށުގެ ރައްޔިތުން ވަނީ ފަޅުކޮށްފައެވެ. އެރަށުގައި ފުލުހުންގެ އުޅަނދެއް ނެތުމުން މީހަކު ހައްޔަރަށް ގެންދިޔަނަމަވެސް، ނުވަތަ ކޯޓަށް ގެންދިޔަނަމަވެސް ގެންދަން ޖެހެނީ އެންމެން ކުރިމަތީގައި ހިނގާފައެވެ. މި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނާއި ހިއްސާ ކުރައްވާފައެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މިމައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެރަށަށް ބޭނުންވާ ފުލުހުންގެ އުޅަނދު މިއަހަރު ނިމުމުގެ ކުރިން އެރަށަށް ފޮނުވައިދެއްވާނެކަމަށެވެ.

"މިރަށަކީ ފުލުހުންގެ ޚިދުމަތްދޭ ފުލުހުންގެ މަރުކަޒެއް ހުރި ރަށެއް. މިކަމުގައި، މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތައް ދިމާވާ ކަމެއް އެބައޮތް. ފުލުހުންގެ ވެހިކަލެއް މި ރަށުގައި ނެތުން. އާދެ، މިކަން މި ރަށަށް ވަރަށް މުހިންމު. ދެން، ގިނަ ރަށްތަކުގައި އަދި އެހާ މުހިންމު ކަމަކަށް ނުއެއްވޭ. އެކަމަކު، މި ރަށުގައި މިއީ ވަރަށް ބޮޑަށް މުހިންމު ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރީގައި، މި ރަށަށް ފުލުހުންގެ ވެހިކަލެއް ފޯރުކޮށްދޭނަން. އެ ޔަޤީންކަން އަރުވަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް އެރަށަށް މިއުޅަނދު ގެންދިއުމަކީ އެރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމެއް ކަމަށް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ.

"މިއަދުން ފެށިގެން މިކަމަށް މިވަނީ އެދެވޭ ހައްލެއް ލިބިފައި. މިކަމަކީ މިއީ ވަރަށް ބުރަ މަސައްކަތުން ހާސިލްވެފައިވާ ކަމެއް. ޕޮލިސް ސްޓޭޝަން ހުޅުވުނު ފަހުން، މިކަން ކުރެވޭތޯ މީގެ ކުރީ ސަރުކާރުތަކުގައިވެސް މަސައްކަތް ކޮށްފައިވޭ" މަޑިފުށިން ޝޫއޫރު ފާޅުކުރި ފަރާތެއް ބުންޏެވެ.

ތ. މަޑިފުއްޓަށް ގެންގޮސްފައިވާ ފުލުހުންގެ ކާރަކީ ފުލުހުން ޚިދުމަތުގައި ބޭނުން ކުރާ އުޅަނދުތަކުގައި އާންމުކޮށް ހުންނަ ސަލަމާތީ ހުރި ވަސީލަތެއް ޤާއިމްކޮށްފައިވާ އުޅަނދެކެވެ.