ޚަބަރު

މާފުށީގައި ލޯންޗެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް


  • އެއްވެސް މީހަކަށް ގެއްލުުމެއް ލިބިފައެއްނުވޭ

  • ލޯންޗުގެ ބޮޑުބައި ވަނީ އަނދާފައި

ކ. މާފުށީ އެހެލާފައި އޮތް ލޯންޗެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މާފުށި ކައުންސިލްގެ ރައީސް ޙަސަން ޞަލާޙް ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ފަރާތުން ހަރަކާތްތެރިވެ، ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އަދި އަލިފާންގަނޑު ނިއްވާލެވުނުއިރު ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ލޯންޗުގެ ބޭރުބައި ނޫން އެހެން ހުރިހާ ބައެއް އަނދައި ހުލިވެފައިވާ ކަމަށްވެސް ޙަސަން ޞަލާޙް ވިދާޅުވިއެވެ. މި ލޯންޗަކީ، މާފުށީގައި ގެސްޓްހައުސް ހިންގާ ފަރާތެއްގެ ލޯންޗެކެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް އަދި މާފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލެވުނީ، މިއަދު ހެނދުނު ގާތްގަނޑަކަށް 10:20 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

އެމް.އެން.ޑީ.އެފުން މިހާރު ދަނީ، މިހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.