ޚަބަރު

އުޅަނދުފަހަރު ޗެކު ކުރުމަށް މާލޭގައި އޮޕަރޭޝަނެއް


  • މިއީ އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް

  • ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދޭނެ

އައު އަހަރާ ދިމާކޮށް މާލެއިން ފުރާ އަދި އަންނަ އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

މެރިން ޕޮލިހުން ކުރިއަށްގެންދާ މި އޮޕަރޭޝަން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ގްރޭޓަރ މާލެ އޭރިއާއިން ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެ އުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ހަމަޖެހިފައިވެއެވެ.


މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ހަމަޖެހިފަިއވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ކަނޑު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް މައުލޫމާތު ދެމުންގެންދާނެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ދުވަހުގެ ނިޔަލަށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އިމިގްރޭޝަން އަދި އެމް.އެން.ޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކުގައެވެ.