ޚަބަރު

މަސައްކަތްކުރާ ރިސޯޓާއި ކައިރިން ބޯހިޔާވަހިކަން ފަހިކޮށްދޭނަން: ރައީސް


  • ޒުވާނުން ބާރުވެރިކުރުވުމުގައި އޮތް އެންމެ ބޮޑު އެއް ހުރަހަކީ ބޮހިޔާވަހިކަން

  • ހައުސިންގ މަޝްރޫޢުތަކުން ޒުވާނުންނަށް އިސްކަންދޭނެ

ރަށްރަށުގައި ހިންގާ ހައުސިންގ މަޝްރޫޢުތަކުގައި އެރަށަކާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ.

"ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގައި ޒުވާނުން ހުށައެޅި ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާއިލާއާ ދުރުގައި ރިސޯޓުތަކުގައި ދިރި އުޅެންޖެހުން ކަމަށެވެ. އެހެންކަމުން، ރިސޯޓުތަކާ ކައިރި ރަށްރަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ޒުވާނުންނަށް އާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިގޮތަށް ބަލާއިރު އެއްކަމަކީ ގެދޮރުވެރިކަން. އެހެންމަ ސަރުކާރުން އެބަ ވަރަށް ބޮޑަށް އިސްކަންދެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އެބަ ހޯދަދެން. އެ ރިސޯޓެއްގެ ކައިރިން ނުވަތަ ޓޫރިޒަމް ޒޯނުތަކުގެ ކައިރީގަ ހުންނަ ބޮޑެތި އާބާދީތަކުގައި ބޯހިޔާވަހިކަމުގެ ޕްރޮކެޖްޓުތައް ހިންގަން. އޭރުން މައިގަނޑު ގޮތެއްގައި މި ހައްލުވެގެންދަނީ ޒުވާނުންނަށް އެ ޒުވާނެއްގެ އާއިލާއާ ގާތުން ހައުސިންގ ހޯދުމުގެ ފުރުސަތު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެކި ރަށްރަށުގައި ހިންގުމަށް ހަވާލުކުރި 800 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢުތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެ މަޝްރޫޢުތަކުން ފްލެޓް ދޫކުރާއިރު ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ކުރެވޭނެ ކަމަށެވެ.

"މީގެ ތެރޭގައި ހިމެނޭ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ވަކި ޕަސެންޓެއް މި ކަނޑައަޅަނީ އެރަށްތަކުން ފްލެޓްތައް ދޫކުރާއިރުގައި ވަކި ފަސެންޓެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް. ޒުވާނުންނަށް އޭގަ އިސްކަން ލިބޭ ގޮތަށް އަޅުގަނޑުމެން ޝަރުތުކުރާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށާއި، އަލަށް އާއިލާއެއް ފަށައިގެން އުޅޭ ޒުވާނުންނަށްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އުސޫލަށް ރަށްރަށުގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ މަޝްރޫޢުތަކުގައިވެސް އަމަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބޯހިޔާވަހިކަން ކަމަށްވާތީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި މާލެ ސަރަހައްދަށް ބަރޯސާނުވެ، މުޅި ރާއްޖެއަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފަތުރާލުން ކަމަށެވެ. މީގެ ސަބަބުން ޒުވާނުންނަށް އަމިއްލަ ރަށުގައި ނުވަތަ އާއިލާއާ ގާތުގައި ތިބެގެން ކުރިއަށްދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.