އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން އިއުލާންކޮށްފިއެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ އިތުރަށް ކުރިމަތިލާފައިވާ ދާއިރާތަކުގައި ޕްރައިމަރީ ބޭއްވުމަށް އެ ޕާޓީން ވަނީ އިއުލާނުކޮށް، ކެންޑިޑޭޓުންގެ ތަފްސީލް އާންމުކޮށްފައެވެ.
އެ ޕާޓީން ނެރެފައިވާ ލިސްޓުގައިވާގޮތުން އަންނަ އަހަރު ބާއްވާ ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވާދަކުރާނެއެވެ. މީގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން އަދި މެންބަރުން ހިމެނެއެވެ.
އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުގައި އެ ޕާޓީން ސިޓީތަކުގެ މޭޔަރުންނަށް ޓިކެޓް ދިނުމަށް ޕްރައިމަރީ ބާއްވާނީ ދެ ސިޓީއެއްގައެވެ. އެއީ މާލެ ސިޓީ އާއި ތިނަދޫ ސިޓީގައެވެ. ކޮންމެ ސިޓީއަކަށްވެސް ދެ ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެއެވެ.