ޚަބަރު

އެމެރިކާގެ އަސްކަރިއްޔާއިން ސޫރިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި


ނިރުބަވެރި ޖަމާޢަތް، އައިސިސްއިން ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ސަރަޙައްދުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ. މިއީ، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހު ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ސޫރިޔާގެ ވެރިކަން ފޭރިގަތް ފަހުން އެމެރިކާގެ އަސްކަރިއްޔާއިން އެ ޤައުމަށް މި ފަދަ ވަރުގަދަ ޙަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، އައިސިސްގެ ދޮޅަހަކަށް ވުރެ ގިނަ އަމާޒަށް ޙަމަލާ ދީފައި ވަނީ، އައިސިސްގެ ނިރުބަވެރިން ދިން ޙަމަލާއެއްގައި ސޫރިޔާގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާ ސިފައިންގެ ދެ މީހަކު މަރައިލުމުން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ. ފާއިތުވި މަސްތަކުގެ ތެރޭގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން އައިސިސްގެ އަމާޒުތަކަށް ވައިގެ މަގުންނާއި އެއްގަމު މަގުން ޙަމަލާތައް ދީފައިވެއެވެ.

އައިސިސްއާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގައި ސޫރިޔާގެ ސިފައިން ވެސް ދަނީ ބައިވެރި ކުރަމުންނެވެ. "މިއީ ހަނގުރާމައެއްގެ ފެށުމެއް ނޫން. މިއީ، ބަދަލު ހިފުމުގެ ޙަމަލާތަކެއް. މިއަދު އަޅުގަނޑުމެން ވާނީ ދުޝްމަނުން ހޯދައި، މަރައިލާފައި. ވަރަށް ގިނަ އަދަދެއްގެ ދުޝްމަނުން. އެ ކަން ކުރިއަށް ދާނެ،" ސޫރިޔާއަށް އެންމެ ފަހުން އެމެރިކާއިން ދީފައިވާ ޙަމަލާތަކާ ގުޅޭ ގޮތުން އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވިއެވެ.