ޚަބަރު

އައު ޓާމިނަލުން ޚިދުމަތްދޭން ފެށި 37 ވަނަ އެއަރލައިނަކަށް އެމިރޭޓްސް


  • މިއީ އައު ޓާމިނަލްއިން ހިދުމަތް ދޭން ފެށި ޔޫއޭއީގެ 4 ވަނަ އެއަރލައިން

  • ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވަޒީރު ޠާރިޤު އިބްރާހީމް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ޔޫއޭއީގެ ގައުމީ އެއް އެއަރލައިން, އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން އެމިރޭޓްސް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އެވެ.

ރަސްމިއްޔާތުގައި އެމިރޭޓްސް އިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު ޖަބޭރު މުހައްމަދާއި އެމިރޭޓްސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން އެމިރޭޓްސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއަރލައިނުން ފުރި 310 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް, އިން ރާއްޖެ އައި 298 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން, އެމިރޭޓްސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫއޭއީގެ 4 ވަނަ އެއަރލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 މެއި 1987 އެވެ. އެމިރޭޓްސް އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 37 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.