ޚަބަރު

ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ދެކެވޭ ވާހަތަކާއި، ޖާސޫސީ ރިޕޯޓު ތަފާތު


ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ޔޫކްރެއިންއާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ މަޤްސަދުތަކަށް ބަދަލެއް ނާންނަ ކަމަށާއި، ޔޫކްރެއިންގެ ބިިންތައް ހިފައި ސޯވިއެޓް ޔޫނިއަންގެ ގޮތުގައި މީގެ ކުރިން އޮތް ބިންތައް އަތުލުމަށް އޭނާ ގަސްތުކުރައްވާކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓުތަކަކުން އަނެއްކާވެސް ދައްކައިފިއެވެ.

އެ ހޯދުންތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާއާ ގުޅޭގޮތުން މި ފަހުން ދައްކަވާފައިވާ ވާހަކަތަކާ ފުށުއަރާ ހޯދުންތަކެކެވެ. ޓްރަމްޕް ވަނީ ޕުޓިން ހަނގުރާމަ ނިމުމަކަށް ގެންނެވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ވަރަށް ގާތްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހަނގުރާމަ ފެށުނީއްސުރެ ބުނަމުން ދަނީ ޕުޓިންގެ މަޤުސަދުތަކަށް ބަދަލެއް ނާންނަ ކަމަށާއި، އޭނާ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމަށް ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާ ބޭނުންވެވަޑައިގަންނަވަނީ މުޅި ޔޫކްރެއިން ހިފައި ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަށް ކަމަށް މި ފަދަ ރިޕޯޓުތަކުގައި އަބަދު ވެސް ދަނީ ބުނަމުންނެވެ. އަދި ޔޫކްރެއިންގެ އިތުރުން ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި ކުރިން އޮތް ނޭޓޯގެ ބައެއް ޤައުމުތަކުގެ ސަރަޙައްދުތައް ވެސް ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަށް ޕުޓިން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަސް ވެސް ރިޕޯޓުތަކުގައި ފެށުނީއްސުރެ ދަނީ ފާހަގަކުރަމުންނެވެ. ވިލާތުގެ ޖާސޫސީ އިދާރާތަކުގެ ހޯދުންތައް ވެސް މިއާ ދިމާވެއެވެ.

ހަނގުރާމަ ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދިޔަ ނަަމަވެސް ސަލާމަތީ ގެރެންޓީ ދިނުމާއި ޔޫކްރެއިންގެ ބިމުގެ އެއްވެސް މިންވަރެއް ދޫކޮށްލުމަށް އެ ޤައުމުން އެއްބަސްނުވާތީ މައްސަލައަށް ދާއިމީ ޙައްލެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.