އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެ އެވެ.
އެސްޓަން ވިލާގެ ވިލާ ޕާކުގައި ސާޅީސް ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އެ ޓީމުން ވަނީ ވިލާގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
މި މެޗުގައި އެސްޓަން ވިލާ އިން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި މޯގަން ރޮޖާރސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި ވިލާގެ ޑިފެންޑަރ މެޓީ ކޭޝް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޔުނައިޓެޑްގެ މެތިއުސް ކޫނިޔާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުމަށް ނިކުތްއިރު ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ލިސަންދްރޯ މާޓިނޭޒް ވަނީ ކުޅެން އަރުވާފަ އެވެ.
އެސްޓަން ވިލާ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި މޯގަން ރޮޖާރސް ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ.
މި މެޗުން އެސްޓަން ވިލާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 17 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުވާ ފަރަގު ވަނީ 3 ޕޮއިންޓަށް ކުޑަވެފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް 17 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ.