ޚަބަރު

ފިނި ގަދަވެ ކާބޯތަކެތި ނުލިބިގެން ޣައްޒާގެ ތުއްތުކުދިން ބަނޑަށް މަރުވަނީ


ފަލަސްޠީނުގެ ޣައްޒާގައި ފިނިމޫސުން ފެށި، އާދަޔާ ޚިލާފަށް ފިިނިހޫނުމިން ދަށަށް ދިޔުމުގެ އިތުރުން، ކާބޯތަކެތި ނުލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ ތުއްތު ކުދިން މަރުވަމުންދާ ކަން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް (އެމްއެސްއެފު)ން ހާމަކޮށްފިއެވެ. އެ ޖަމުޢިއްޔާއިން ބުނީ، އާދަޔާ ޚިލާފަށް ފިނި ގަދަވުމުގެ އިތުރުން ހައިހޫނުގައި ޖެހި ދާދިފަހުން ޣައްޒާއިން 13 މީހުން މަރުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ދެ ހަފުތާ ފުރިފައިވާ ތުއްތު ކުއްޖަކާއި އެއް މަހުގެ ކުއްޖަކު ހިމެނޭ ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު އޮކްޓޫބަރު 10ވަނަ ދުވަހު "ނަމެއްގައި" މެދުކަނޑައިލާފައި އޮތް ނަމަވެސް، ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ އިތުރުން، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ބޭނުންވާނެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ވެސް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. އެމްއެސްއެފުން ވަނީ އެ ހުރަސްތައް ވަގުތުން ނައްތައިލުމަށް ޔަހޫދީންނަށް ގޮވައިލާފައެވެ. ޣައްޒާގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާ ކަމުގައި ވެސް އެމްއެސްއެފުން އިންޒާރު ކުރިއެވެ.

ޔަހޫދީންގެ ޤަތުލުޢާންމުގައި ޣައްޒާގެ ރައްޔިތުންގެ ގެދޮރު ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އޭގެ ސަބަބުން، ޣައްޒާގެ ގިނަ ރައްޔިތުން މި ވަގުތު ދިރިއުޅެމުން ދަނީ ސަތަރިން ހަދާފައިވާ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައެވެ. ޣައްޒާގެ އަލް-ނާޞިރު ހަސްފަތާލުގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އަޙްމަދު އަލް-ފަރާ ވިދާޅުވީ، ގަދަ ފިނިން ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ޣައްޒާގެ ކުޑަކުދިންނާއި ތުއްތު ކުދިންނަށް ނެތް ކަމަށާއި، 'ހައިޕޮތަރމިޔާ' ނުވަތަ ހަށިގަނޑުގެ ފިނިހޫނުމިން 35 ޑިގްރީއަށްވުރެ ދަށަށް ވެއްޓުމަކީ ތުއްތު ކުދިންގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައެވެ. ޣައްޒާގައި ގަދަ ފިނީގެ ސަބަބުން ފުރާނައަށް ނުރައްކާވެފައިވާ ތުއްތު ކުދިންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ވަގުތީ ހިޔަލާއި، ރަޖާ ފަދަ ތަކެތި ފޯރުކޮށްދިނުން އަވަސް ކުރުމަށް އޭނާ ވެސް ވަނީ ޔަހޫދީންނަށް ގޮވައިލައްވާފައެވެ.