ޚަބަރު

އީރާނަށް ދެވޭނެ ޙަމަލާތަކާ ގުޅޭގޮތުން ނެތަންޔާހޫ އާއި ޓްރަމްޕް ބައްދަލުކުރަނީ


އީރާނުގެ މިސައިލް މަޝްރޫޢު ފުޅާކުރުމަކީ ވަގުތުން ފިޔަަވަޅު އަޅަންޖެހޭ ފަދަ ނުރައްކާތެރި ޙާލަތެއް އުފެދޭނެ ކަމެއް ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި ދަންނަވަން ޔަހޫދީން ތައްޔާރުވަމުންދާ ކަމަށް ބައެއް ނޫސްތަކުން ބުނެފިއެެވެ.

މި އަހަރުގެ ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ހުރަސްއެޅުމަށް ކަމަށް ބުނެ އެ ޤައުމަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންސުވެރިންނާއި އާންމުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3’ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

އޭގެފަހުން، ޖޫން 22ވަނަ ދުވަހު އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާއިން ވެސް ވަނީ ވަރުގަދަ ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެ ގޮތުން އިޞްފަހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ އީރާނުގެ މައި ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. ޙަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްެރަމްޕް ވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް އެއްކޮށް ފަނާކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ
މަރުކަޒަށް ޙަމަލާދީފައެވެ. އޭގެ ފަހުން ޔަހޫދީންނާއި އީރާނުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ.

އީރާނުން ނިއުކްލިޔަރ މަރުކަޒުތައް އަލުން މަރާމާތުކުރުމަކީ ޔަހޫދީންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން އީރަާނުގެ މިސައިލް މަޝްރޫޢުއަށް އަލުން ޙަމަލާ ދެވިދާނެ ގޮތްތަކާމެދު ގޮތެއް ނިންމުމަށް ޓްރަމްޕްއާ އެ ކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޔަހޫދީން ތައްޔާރުވަމުންދާ ކަމަށް މަސްދަރުތަކުން ބުނެއެވެ.