ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެ އެވެ.
މި މެޗުން އާސެނަލް އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 37 ޕޮއިންޓެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 27 ވަނަ މިނިޓުގައި އެވަޓަންގެ ޖޭކް އޮބްރޭންގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ވިކްޓަރ ގިޔޮކޯރެސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އާސެނަލް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ލިއަންދްރޯ ޓްރޮސާޑް އާއި މާޓިން ޒުބިމެންޑީ ފޮނުވާލި ދެ ހަމަލައެއް އެވަޓަންގެ ގޯލުގެ ދަނޑީގައި ވަނީ ޖެހިފަ އެވެ.