ޚަބަރު

އިންޑިޔާގެ މޯހަން ބަގާން އޭއެފްސީން ސަސްޕެންޑްކޮށްފި


އިންޑީޔާގެ ވަރުގަދަ ކުލަބު މޯހަން ބަގާން ކުރިއަށް އޮތް އަހަރުގެ އޭއެފްސީގެ ފުޓްބޯޅަ މުބާރާތްތަކުން ސަސްޕެންޑްކޮށް، ބޮޑު ޖޫރިމަނާއެއް ކޮށްފިއެވެ.

އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީން މޯހަން ބަގާން ސަސްޕެންޑް ކުރީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއް ކުޅެން އިރާނަށް ދާން ދެކޮޅު ހެދުމުންނެވެ. އެއީ އީރާނުގެ ސެފަހަން ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން މިދިޔަ ސެޕްޓެމްބަރު މަހު ކުރަން އޮތް ދަތުރެކެވެ.

ބުދަ ދުވަހު މި މައްސަލަ ނިންމުމަށްފަހު އޭއެފްސީން ވަނީ މޯހަން ބަގާން އެއްލައްކަ ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ. މީގެ ތެރެއިން ބައިލައްކަ ޑޮލަރަކީ މެޗު ކުޅެން ނުދިއުމުން ކޮށްފައިވާ ޖޫރިމަނާއެކެވެ. އަނެއް ބައި ލައްކަ ޑޮލަރަކީ ސެފަހަން އާއި އޭއެފްސީ އަށް ކުރި ހަރަދުގެ ބަދަލެއްގެ ގޮތުން ދައްކަން ޖެހުނު ފައިސާ އެވެ.

މޯހަން ބަގާނުން މި މެޗު ކުޅެން އިރާނަށް ނުދިޔައީ އެ ގައުމުގެ ސެކިއުރިޓީ ދަށް ކަމަށް ބުނެ އެވެ. އަދި އެއީ އިރާނާއި އިޒްލޭރުދެ މެދުގައި ހަމަލާތައް ބަދަލުކުރި ދުވަސްވަރަކަށް ވުމުން އެއީ ރައްކާތެރި މާހައުލެއްނޫން ކަމަށް ބުނެ އެވެ. މިއަށްފަހު އެ ޓީމުން ވަނީ މުބާރާތުން ވެސް ވަކިކޮށްފަ އެވެ.

ނަމަވެސް މި މައްސަލާގައި މޯހަން ބަގާނުން ވަނީ ކޯޓް އޮފް އާބިޓްރޭޝަން (ކާސް)ގައި މައްސަލަ ވެސް ޖައްސައިފަ އެވެ. އެއީ މެޗު އިންޑިޔާ އާއި އިރާން ނޫން ގައުމަކަށް ބަދަލުކޮށްދިނުމަށް އެދި އެވެ. ނަމަވެސް ކާސް އިން ވަނީ މޯހަން ބަގާންގެ އެދުނު ގޮތަށް އެކަން ކުރެވެން ނެތް ކަމަށް ބަލައި މައްސަލަ ބަލައިނުގެންފަ އެވެ.

"އަހަރުމެންގެ ކުޅުންތެރިން ބުނީ އެ މީހުންނަށް ރިސްކެއް ނުނަގޭނެއޭ. އެ މީހުންގެ ވެސް އަމިއްލަ އާއިލާ އެއް އެބައޮތޯ. ބުރުވެރި، ރައްކާތެރި ތަނަކަށް ނުދެވޭނެއޭ އިރާނުގެ ހާލަތު އޮތް ގޮތުން. މިހެންވެ ކުލަބުން ކުޅުންތެރިންނާއެކު ތިބުމަށްޓަކައި މެޗު ކުޅެން ނުދާން ނިންމީ،" މޯހަން ބަގާނުން އޭރު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިޔާގެ ވަރުގަދަ މި ޓީމުގައި ޔޫރަޕުގެ ފަސް ކުޅުންތެރިއަކު ހިމެނެ އެވެ. އެއީ އޮސްޓްރޭލިޔާ އާއި ސްޕޭނާއި އިނގިރޭސިވިލާތުގެ ކުޅުންތެރިންނެވެ.

މޯހަން ބަގާނުން ވަނީ 2024 ވަނަ އަހަރު ވެސް އިރާނުގައި ކުޅެން ދާން އޮތް މެޗެއް ދޫކޮށްލައިފަ އެވެ. އެއީ އިރާނުން އިޒްރޭލަށް އަމާޒުކޮށް ބަލިސްޓިކް މިސައިލެއް ފޮނުވާލުމާ ގުޅިގެން އެ މާހައުލުގައި މެޗު ކުޅެން ބެނުން ނުވެފެންނެވެ.