ކުރިއަށް އޮތް 3 ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ އިރުވައި މޫސުން ފެށިގެން ކުރާ ވިއްސާރަކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް، އުތުރާއި އިރުއތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނަޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ވިދާޅުވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދަރާއިން ލަފާކުރައްވައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 2-5 ފޫޓު އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 3-6 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން އަލިވާން ފަށާނެކަމަށް ލަފާކުރެވޭކަމަށެވެ. މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.