ޚަބަރު

ބީބީސީގެ ލައިފް ޓައިމް އެވޯޑް އޮންރީ އަށް


ބީބީސީ ސްޕޯޓްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އާސެނަލް އާއި ފްރާންސްގެ ކުރީގެ ފޯވަޑް ތިއެރީ އޮންރީ އަށް ދީފި އެވެ.

އުމުރުން 48 އަހަރުގެ އޮންރީ އަށް ބީބީސީ ސްޕޯޓްސްގެ މި އެވޯޑާއި ހަވާލުވުމަށްފަހު އޮންރީ ބުނެފައިވަނީ އޭނާއަށް ދިރިއުޅުމުގައި ހުރިހާ ކަމެއްވެސް ލިބިފައިވަނީ ފުޓްބޯޅައިން ކަމަށެވެ.

"އަހަރެންނަށް ދިރިއުޅުމުގައި ހުރިހާ ކަމެއްވެސް ކުރެވިފައިވަނީ ފުޓްބޯޅައިން އަދި އަހަރެންގެ ދިރިއުޅުން މިދެނީ ފުޓްބޯޅަ އަށް." އޮންރީ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އާސެނަލް ގައި އޮންރީ ހޭދަކުރި ދުވަސްވަރު އޭނާ ވަނީ އެ ކްލަބަށް ކުޅެދިން 377 މެޗުގައި ޖުމްލަ 228 ލަނޑު ޖަހާފަ އެވެ. އަދި އޭނާ ވަނީ އިއާން ރައިޓް ފަހަތަށް ޖައްސާލުމަށްފަހު އާސެނަލް އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފަ އެވެ.

އޮންރީ ވަނީ އާސެނަލް އާއިއެކު އެފްއޭ ކަޕް ދެ ފަހަރު އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފަ އެވެ. މީގެ އިތުރުން އޮންރީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ދޭ ރަން ބޫޓް ހަތަރު ފަހަރު މަތިން ހޯދާފަ އެވެ.

އޮންރީ އަށް ލިބުނު ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އޮންރީ ހާއްސަކޮށްފައިވަނީ އޭނާގެ ހަތަރު ކުދިންނަށެވެ.

ބީބީސީ އިން ދޭ މި ޝަރަފުވެރި އެވޯޑް ކުރިން ހޯދާފައިވާ ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ޕެލޭ, ސަރ ބޮބީ ޗާލްޓަންގެ އިތުރުން ސަރ ޑޭވިޑް ބެކަމް ހިމެނެ އެވެ.

އޮންރީ ވަނީ ފްރާންސްގެ ގައުމީ ޓީމާއިއެކު 1998 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑްކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި 2000 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފްރާންސް އިން ހޯދި ޓީމުގައިވެސް އޮންރީ ވަނީ ހިމެނިފަ އެވެ.

ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު 123 މެޗުގައި އޮންރީ ވަނީ ޖުމްލަ 51 ލަނޑު ޖަހައިފަ އެވެ.

އާސެނަލްގެ އިތުރުން އޮންރީ ވަނީ ސްޕެއިންގެ ބާސެލޯނާއަށް ކުޅެ އެ ކްލަބުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭގެ ތެރޭގައި 2009 ވަނަ އަހަރު ބާސެލޯނާ އިން ލަލީގާގެ އިތުރުން ކޮޕާޑެލްރޭ އާއި ޗެމްޕިއަންސް ލީގު އެއް ސީޒަނެއްގައި ހޯދިއިރު އޮންރީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.