ޚަބަރު

ފަހު ވަގުތު ނިއުކާސަލް މޮޅުވެ ސެމީ އަށް


އިނގިރޭސި ލީގު ކަޕް ނުވަތަ ކާރލިން ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ނިއުކާސަލް ޔުނައިޓެޑް އިން ހޯދައިފި އެވެ.

ނިއުކާސަލް އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓަރ ފައިނަލުގައި ފުލަމް އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ފަންސާސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުކާސަލްގެ ޔޯން ވިސާ ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ.

ނަމަވެސް އޭގެ ހަ މިނިޓު ފަހުން ފުލަމްގެ ސަސާ ލުކިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ނިއުކާސަލް އިން މެޗު ޑޮމިނޭޓްކޮށްގެން ކުޅެ ގިނަ ފުރުސަތުތަކެއް ހޯދާފައިވާ މި މެޗުގައި އެ ޓީމަށް ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުލަމްގެ ގޯލު ކީޕަރު ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ސޭވްތަކެއް ކޮށްފަ އެވެ.

މި މެޗުން ނިއުކާސަލް ޔުނައިޓެޑް މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގެ ދެވަނަ މިނިޓުގައި ލެވިސް މިލޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ ނިއުކާސަލް އަށް ލިބުނު ކޯނަރެއް ނެގި ވަގުތު އުމުރުން 19 އަހަރުގެ ލުވިސް ބޮލުން ޖަހާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ނިއުކާސަލް އާއި ދެކޮޅަށް ނިކުންނާނީ ޕެޕް ގަޑިއޯލާގެ މެންޗެސްޓަރ ސިޓީ އެވެ.