ޚަބަރު

ވިއްސާރައިގައި ގއ. ވިލިނގިލީގައި ފެންބޮޑުވުން


ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ގއ. ވިލިނގިލީގައި ފެންބޮޑުވި ނަމަވެސް މިހާރު ބޮޑު ސަރަޙައްދަކުން ފެން ހިންދާފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ގއ. ވިލިގިނލީގެ ޖަންގްޝަންތަކުން ބޭރުވަމުންދިޔަ ނަޖިހުގެ އަސަރު ބައެއް ގޭގެއަށް ކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާރސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން އެރަށު ހޮސްޕިޓަލްގެ ޓީމެއް ގޭގެއަށް ޒިޔާރާތްކޮށް ކްލޮރިން ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

އެރަށަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން އެރަށުގެ ގެއެއްގެ މީހުން އެހެން ގެއަކަށް ބަދަލުކޮށްފައިވެއެވެ. ނަމަވެސް މިހާރު މޫސުން ކޮންމެވެސް ވަރަކަށް ރަނގަޅުވެ، ރަށުތެރޭގައި ހެދިފައިވާ ފެންގަނޑު ކޮންޓްރޯލް ކުރެވިފައިވުމުން ރަށުގެ ޙާލަތު ހަމަޔަކަށް އެޅެމުން އަންނަ ކަމަށް ގއ. ކައުންސިލް އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މި ވިއްސާރައިގެ ސަބަބުން ރަށުގެ ގޭގެއަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް މިހާރު ކައުންސިލްގެ ޓީމްތަކުން ރަށުތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށާއި މިހާތަނަށް ބެލިބެލުމުން ބައެއް ވިޔަފާރިވެރިންގެ ގުދަންތަކަށާއި ވިޔަފާރިތަކަށް އަދި ބައެއް ގޭގޭގެ ފަރުނީޗަރާ ހިފާގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުންތައް ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.