ޚަބަރު

ކުޅުންތެރިން ތިބީ ރަން މެޑަލް ހޯދަން އަޒުމު ކަނޑައަޅައިގެން: ކޯޗު ނަދީމް


  • މިއަހަރު އުންމީދަކީ ރާއްޖޭގެ ރައްޔިތުން މި ބޭނުންވާ ގޯލްޑް މެޑަލް

  • އެވަރަށް ކުޅުންތެރިން މަސައްކަތް ކުރާނެ ކަމަށް ނަދީމު ބުނި

ވިމެންސް ކާވާ ކަޕްގައި ވާދަކުރާ ރާއްޖޭގެ ސީނިއަރ އަންހެން ޓީމުގެ ކުޅުންތެރިން ތިބީ މިދިޔަ އަހަރުގެ މުބާރާތުގައި ފައިނަލްގައި ކުޅެ ގޯލްޑް މެޑަލް ނުލިބުމުން މި އަހަރު އެކަން ބަދަލުކުރަން އަޒުމު ކަނޑައަޅައިގެން ކަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު މުޙައްމަދު ނަދީމު ބުނެފިއެވެ.

ދެމަހެއްހާ ދުވަހުގެ ފަރިތަކުރުންތަކަށްފަހު ޕޫލުގެ ކުޅުންތެރިންގެ ތެރެއިން 14 ކުޅުންތެރިން ނަގައިގެން ކާވާ ކަޕް 2025 އަށް ތައްޔާރުވި ޓީމުން ފެނުނީ އާދަޔާ ހިލާފު ހިތްވަރަކާއި މަސައްކަތުގެ ރޫހެއް ކަމަށް ކޯޗު ފާހަގަކުރިއެވެ. އެހެންކަމުން މިއަހަރު އުންމީދަކީ ރާއްޖޭގެ ރައްޔިތުން މި ބޭނުންވާ ގޯލްޑް މެޑަލްކަމަށާއި، އެވަރަށް ކުޅުންތެރިން މަސައްކަތް ކުރާނެ ކަމަށް ނަދީމު ބުންޏެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 7 ދުވަހުގެ ޓްރޭނިން ކޭމްޕެއް ތައިލޭންޑްގައި ބޭއްވިކަން ފާހަގަކޮށް ކޯޗު ބުނީ އެ ކޭމްޕުން ވަރަށް ބޮޑެތި ފައިދާތަކެއް ކޮށްފި ކަމަށެވެ. އެގޮތުން މެޗު އެކްސްޕީރިއަންސާއި މޮޅެތި ޓީމުތަކާއެކު ދިމާވާ ކަންތައްތައް ރަނގަޅު ކުރަން ދަސްކޮށްފައިވާ ކަމަށެވެ.

މުބާރާތުގައި ރާއްޖެ ވާދަކުރަނީ ވަރަށް ވަރުގަދަ ގައުމުތަކާއި ކަމަށާއި، އެހެންނަމަވެސް މޮޅުވުމުގެ ރޫހާއި އެ އަޒުމު ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހުރިކަން ފާހަގަކޯށް ކޯޗު ބުނީ ކޮންމެ ޓީމަކާއިވެސް ވާދަކުރެވޭވަރަށް ކުޅުންތެރިން ތިބީ ތައްޔާރުވެފައި ކަމަށެވެ.

ސަޕޯޓަރުންނަކީ ކުޅިވަރުގައި އެންމެ މުހިންމު ބައި ކަމަށާއި، މިދިޔަ އަހަރުތަކުގައި ވޮލީގައި ސަޕޯޓަރުންގެ މުހިންމުކަން ސަޕޯޓަރުން ވަނީ ސާބިތުކޮށްދީފައި ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

ސަޕޯޓަރުންގެ ސަބަބުން ކުޅުންތެރިންނަށް ކުރިއެރުން ލިބުނުކަމަށާއި، އެހެންކަމުން މިދިޔަ އަހަރުތަކަށްވުރެވެސް އިތުރަށް މިއަހަރު ސަޕޯޓަރުން މެޗުތަކަށް އައިސް ސަޕޯޓު ކޮށްދިނުމަށް ގައުމީ ޓީމުގެ ކޯޗު ވަނީ އެދިފައެވެ.

ރާއްޖޭގެ ގައުމީ ސީނިއަރ އަންހެން ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗަކީ އައިމިނަތު ޒީނާ އަދި ފަތުހުالله ވަހީދެވެ. ޓީމުގެ މެނޭޖަރަކީ އިބްރާހިމް ނާފިއު މޫސާއެވެ. ޓީމުގެ ކެޕްޓަނަކީ ހައްވާ ރާޝިދާއެވެ. ވައިސް ކެޕްޓަނަކީ ފާތިމަތު ޖޫޒާން ޒަރީރުއެވެ.

ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖޭގެ ގައުމީ ޓީމު އެންމެ ފުރަތަމަ ނިކުންނާނީ ބަނގްލަދޭޝްއާއި ދެކޮޅަށެވެ. މިދިޔަ އަހަރު ރާއްޖެ ވަނީ ފައިނަލާ ހަމައަށް ދަތުރުކޮށް މުބާރާތުގެ ދެވަނަ ހޯދާފައެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ދިވެހިރާއްޖެ، ބަނގްލަދޭޝް، އަފްޣާނިސްތާން، ކިރްގިސްތާނު، އަދި ތުރުކުމެނިސްތާނެވެ. މުބާރާތުގެ މެޗުތައް އޮންނާނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައެވެ.