ކުރުވާހަކަ ލިޔުމުގެ ނަވާވީސްވަނަ ޤައުމީމުބާރާތުން މުޅި ރާއްޖެއިން އެއްވަނަ ހއ. އިހަވަންދޫ ސްކޫލް ހޯދައިފިއެވެ. ދިވެހިބަހުގެ އެކަޑަމީން މިދިޔަ އަހަރު ބޭއްވެވި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގެނަތީޖާ ރޭ ވަނީ ފާޅުކުރައްވާފައެވެ.
ދިވެހިބަހުގެ އެކަޑަމީން އިންތިޒާމް ކުރައްވައިގެން ބޭއްވެވި ކުރުވާހަކަ ލިޔުމުގެ 29 ވަނަ ޤައުމީ މުބާރާތް ކުރިއަށްގެންދެވީ ދެ ބަޔަކަށް ބައްސަވާލައްވައިގެންނެވެ. އެއީ ސްކޫލްތަކާއި އަމިއްލަ ފަރާތްތަކަށް އަމާޒު ކުރައްވައިގެންނެވެ. މުޅި ރާއްޖެއަށް ހުޅުއްވާލައްވައިގެން ބޭއްވެވި މި މުބާރާތުގައި ރާއްޖޭގެ 38 ސްކޫލަކުން 300 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. ތިން ޢުމުރުފުރައަކަށް ބައްސަވާލައްވައިގެން ބޭއްވެވި މި މުބާރާތުން 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރު ފުރައިން 1 ވަނަ ހޯދީ ހއ.އިހަވަންދޫ މަދަރުސާގެ މަރިޔަމް މާނިޔާއެވެ. މާނިޔާ ފިޔަވައި އިތުރު ދަރިވަރަކު އެއްވަނަ ހޯދޭ މިންވަރަށް މާރކްސް ލިބިފައިނުވާތީ އެހެން ޢުމުރު ފުރާއަކުން އެއްވެސް އެހެން ދަރިވަރަކަށް 1 ވަނަ ހޯދިފައެއް ނުވެއެވެ.
މުޅި މުބާރާތުން 1 ވަނަ ސްކޫލަކަށް ހޮވުނީ ހއ.އިހަވަންދޫ މަދަރުސާއެވެ. 2 ވަނަ ހޯދީ ވިލާ އިންޓަރނޭޝެނަލް ހައި ސްކޫލެވެ. އަދި މި މުބާރާތުން 3 ވަނަ ހޯދީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަނެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބް ވިދާޅުވީ، ވާހަކަ ލިޔުމުގެ ދާއިރާއަކީވެސް ހުނަރުވެރިން ބޭނުންވެފައިވާ ދާއިރާއެއް ކަމަށެވެ. ރާއްޖޭގެ ވާހަކަ ލިޔުންތެރިންތެރިއެއް ކަމަށްވާ ބިންމާ އިބްރާހީމް ވަޙީދު މިސާލަކަށް ނަންގަވައި ވާހަކަ ދައްކަވަމުން ޝަހީބު ވަނީ މިދާއިރާގައި އިބްރާހީމް ވަޙީދަކީ ނަމޫނާ ބޭފުޅެއް ކަމަށެވެ.
"މިދާއިރާއަކީވެސް ހުނަރުވެރިންތަކެއް ބޭނުންވެފައިވާ ދާއިރާއެއް. ވާހަކަ ލިޔުމުގެ ދާއިރާއަކީ. ހަމަކޮންމެ ކުއްޖަކުވެސް ބިންމާ އިބްރާހީމް ވަޙީދު ކަހަލަ މަޝްހޫރު ނަމަކަށް ވާން އެބަޖެހޭ. އަދި ހަމަ އެގޮތަށް މުރާލި ކެރޭ ޒުވާނަކަށްވެސް އެބަވާންޖެހޭ. ކޮންމެ ކުއްޖަކަށްވެސް ހީވެދާނެ ތިމަންނައަށް ވާހަކަ ލިޔެވޭނެއޭ. ތެދެއްމެ. ލިޔެވޭނެ. އެހެންނަމަވެސް އިސްކުރަން މި ޖެހެނީ ޤަބޫލްކުރަން މިޖެހެނީ ތިމަންނަ އެކަމުގައި ދެމިހުންނާނެ ގޮތާއި ދެމިހުރުމަށް މަސައްކަތް ކުރާނެ ގޮތް." މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، މިފަދަ ކޮންމެ މުބާރާތެއްގެ އެންމެ ބޮޑު ބޭނުމަކީ މިދާއިރާތަކުން ޒުވާން ހުނަރުވެރިން އުފެއްދެވުން ކަމަށެވެ. އަޝްރަފް ވިދާޅުވީ، ލިޔުންތެރިންގެ ޤައުމީ މުބާރާތެއް ބޭއްވެވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި އެ މުބާރާތުގެ އޮނިގަނޑު ތައްޔާރުކޮށް ނިމި، މިހާރު އޮތީ އިޢުލާން ކުރެއްވުމުގެ މަރުޙަލާގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ އުފެއްދުންތެރި ލިޔުންތެރިއެއް ބިނާކުރުން މާދަމާގެ ޖީލަށް. އުފެއްދުންތެރި ވާހަކަ ލިޔުންތެރިއެއް އުފެއްދުން މާދަމާގެ ޖީލަށް. އުފެއްދުންތެރި ޅެންވެރިޔަކު ނުވަތަ ނުވަތަ ޝާޢިރަކު ބިނާކުރުން މާދަމާގެ ޖީލަށް. މިކަން ކުރެވޭނީ ތިޔަބޭފުޅުން މި މަސައްކަތުގައި ވަރަށްބޮޑަށް ނަޒާޙަތްތެރިވެގެން.. ވަރަށް ބޮޑަށް ތެދުވެރިވެގެން.. ވަރަށް ބޮޑަށް ވަފާތެރިވެގެން.. ކުދިންވެސް ބެލެނިވެރިންވެސް މުދައްރިސުންވެސް އަދި މިކަން ކުރަން ތިބި އެހެން ދަސްކޮށްދެއްވާ މުދައްރިބުންވެސް." ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވިއެވެ.
ދިވެހި ބަހުގެ އެކަޑަމީން ކުރިއަށް ގެންދަވާ ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތާއި ޤައުމީ ޅެންހެދުމުގެ މުބާރާތް ކުރިއަށް އޮތް ތަނުގައި ބާއްވަވާނީ ޤައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތާއި އެއްގޮތަށް ކަމަށް ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.