ނިއު ރޭޑިއަންޓާއި އިތުރު ބިދޭސީ ދެ ކުޅުންތެރިން ގުޅުމުން ވަރަށް ބޮޑުތަނުން ޓީމުގެ ކުޅުން ރަނގަޅުވާނެ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު، އަލީ ސުޒެއިން ބުނެފިއެވެ.
ސުޒެއިން ބުނީ ޓްރާންސްފާ އާއި ގުޅޭ ގޮތުން ރިކުއެސްޓްކޮށްފައި ހުރި ހުރިހާ ކަމެއް ތިންވަނަ މެޗަށް މެނޭޖުމެންޓުން ނިންމައިދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ނިއު ރޭޑިއަންޓުން ގެންނަ ބިދޭސީ ކުޅުންތެރިޔާ، ލައިބީރިއާގެ ކުލަބެއް ކަމަށްވާ ހެވަން އިލަވަންގެ ކެޕްޓަން އަބުދުﷲ ޔާޔާ ބިލިޓީ މިހާރުވަނީ ރާއްޖެ އައިސްފައެވެ. އަދިވެސް އިތުރު ކުޅުންތެރިއަކު ގެނައުމަށް އެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގު 2025/26 ގެ ދެވަނަ ބުރުގައި ކުލަބު ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗާއި ގުޅޭ ގޮތުން ސުޒެއިން ބުނީ އެއީ އުނދަގޫ މެޗެއް ކަމަށެވެ.
3-1 ލަނޑުން ވެލެންސިއާ އަތުން މޮޅުވެ 3 ޕޮއިންޓް ހޯދި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސުޒެއިން ބުނީ އެ މެޗުގައި ތިން ޕޮއިންޓް ލިބުން ފިޔަވާ ނިއުރޭޑިއަންޓަށް އިތުރު އެއްވެސް ކަމެއް ނުލިބުނު ކަމަށެވެ.
"ވަރަށް އުނދަގޫކޮށް ދިޔައީ. ވަރަށް މަސައްކަތްކޮށްފި ވެލެންސިއާއިން ވެސް ވެލެންސިއާގެ ގޮތުގައި" ސުޒެއިން ބުންޏެވެ.
ޖުމުލަކޮށް ބަލާއިރު ނިއު ރޭޑިއަންޓުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެކަންކަން ރަނގަޅުކޮށްފިނަމަ ވިކްޓްރީ މެޗަށް ދާއިރު ރަނގަޅުވާނެ ކަމަށް ސުޒެއިން ބުންޏެވެ.
ނިއު ރޭޑިއަންޓުން ކުޅެމުންދާ ބޯޅަ އެހާ ފަސޭހައިން ގެއްލޭނަމަ އެއީ އިދިކޮޅު ޓީމަށް ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށާއި، އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ސުޒެއިން ފާހަގަކުރިއެވެ.
އެގޮތުން އެ މެޗުގެ ފުރަތަމަ ހާފު ދިޔައީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ސުޒެއިން ފާހަގަކުރިއެވެ. ނިއުގެ ކުޅުންތެރިން އަތުން މާ ފަސޭހައިން ބޯޅަ ގެއްލޭ މައްސަލަ އެއީ ހައްލުކުރަންޖެހޭ ކަމެއް ކަމަށާއި، ކުރިޔަށް އޮތްތަނުގައި އެކަން ރަނގަޅުކުރާނެ ކަމަށްވެސް ސުޒެއިން ބުންޏެވެ.
މި ދެ ޓީމު ފުރަތަމަ ބުރުގައި ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. ދެން ނިއުރޭޑިއަންޓު އެންމެ އަވަހަސް ނިކުންނާނީ 19 ޑިސެމްބަރުގަ ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.