ޚަބަރު

އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގެ ކުއާޓާއަށް ޓީމުތައް ދަތުރުކޮށްފި


މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ކުއާޓާރއަށް ޓީމުތައް ދަތުރުކޮށްފިއެވެ.

އެގޮތުން ކުއާޓާރ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިމިގްރޭޝަނެވެ. އަދި ކުއާޓާގެ ފަހު މެޗުގައި މާދަމާ ސީބީއެމް ނުކުންނާނީ އާރްއާރްސީއާއި ދެކޮޅަށެވެ.

މިމުބާރާތުގެ ހޯމަ ދުވަހުގެ މެޗުތަކަށް ބަލާއިރު އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ވަނީ ކުޅެވިފައެވެ، ފުރަތަމަ މެޗުގައި ވާދަކޮށްފަވަނީ އިމިގްރޭޝަން އަދި އެމްޕީއެލްއެވެ. ވަރަށް ވާދަވެރި ކުޅުމަކަށްފަހު އެންމެ ޕޮއިންޓެއްގެ ފަރަގަކުން މެޗު ކާމިޔާބުކޮށްފަވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ޓީމުންނެވެ. މިމެޗުގެ ސްކޯއަކީ 27-26 އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ މަރްޔަމް މިރްފަތުއެވެ.

ދެވަނަ މެޗުގައި ޓީމު ބަދަހި އަދި ތައުލީމީ ގުޅުން ބައްދަލުކުރިއިރު މިމެޗު އެއްވެސް ދަތިކަމެއް ނެތި 42-02 ގެ ނަތީޖާއަކުން ތައުލީމީ ގުޅުން ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ޖުވައިރިޔާ މުހަންމަދުއެވެ.

ހޯމަ ދުވަހުގެ ތިންވަނަ މެޗުގައި ފެން ކުލަބާއި ކުލަބު އެޗްޑީސީ ބައްދަލުކޮށް ފެން ކުލަބުން މެޗު ގެންދިޔައީ 23-18 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަވަނީ އެޓީމުގެ އާއިޝަތު އަފްނާންއެވެ.

އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގައި 21 އަންހެންޓީމާއި 4 ފިރިހެން ޓީމު އަންނަނީ ވާދަކުރަމުންނެވެ. މުބާރާތުގެ ކުއާޓާ މެޗުތައް މިރޭ އަދި މާދަމާ ކުޅުމަށްފަހު ސެމީ ފައިނަލު މެޗުތައް ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. އަދި މިމުބާރާތުގެ ފައިނަލު މެޗު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 20 ގެ ނިޔަލަށް އައުޓްޑޯ ނެޓްބޯޅަ ކޯޓުގައެވެ.