ހިތްވަރާއެކު ކުރާ މަސައްކަތް ކާމިޔާބުވާނެއޭ ބުނެއުޅެއެވެ. މިކަން ގއ. ގެމަނަފުށި އުމުރުން 22 އަހަރުގެ އިމްޝާ ޢަބްދުއްލަތީފް މިއަދު މިވަނީ ސާބިތުވެސްކޮށްދީފައެވެ. ޤައުމަށް ޚިދުމަތް ކުރުމުގެ އަޒުމުގައި އިމްޝާ ފެށި މަސައްކަތުގެ ބިންގާ އެޅީ ތާރީޚީ ކާމިޔާބަކާއެކުގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީން ކޯހަކީ ކޮންމެ ފުލުހަކުވެސް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ. މި ކޯހުގެ 41 ބެޗުގެ ކިޔެވުން ނިމި އެތައްހާސް ފުލުހަކު ވަނީ ދަސްވެނިވެފައެވެ. ކޮންމެ ބެޗެއްގައިވެސް ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ނުވަތަ ބެސްޓް އޯލްރައުންޑް ހޮވާއިރު މިހާތަނަށް ހިންގި 40 ބެޗުގައިވެސް އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވިފައިވަނީ ފިރިހެން އޮފިސަރުންނެވެ. ނަމަވެސް 41ވަނަ ބެޗުގައި އެންމެ މޮޅު ދަރިވަރުގެ މަޤާމް ހާސިލް ކުރީ އިމްޝާއެވެ.
އިމްޝާއަކީ ގދ. ފިޔޯރީ، ޢަބްދުއްލަތީފް މުޙައްމަދާއި ގއ. ގެމަނަފުށި އަމީނާ ޢަބްދުއްރަޙްމާންއަށް ލިބުނު 6 ކުދިންގެ ތެރެއިން އެންމެ ހަނގު ކުއްޖާއެވެ. މަޑުމައިތިރި، މުދައްރިސުންނާއި މައިންބަފައިންނަށް ކިޔަމަންތެރި، ސްކޫލުގައި ބަސް މަދު ކުއްޖެއްގެ ގޮތުގައި ފާހަގަކުރެވޭ، އިމްޝާ ސިފައިންގެ ޚިދުމަތުގައި ނުވަތަ ފުލުހެއްގެ ގޮތުގައި އަބަދުވެސް ޤައުމަށް ޚިދުމަތް ކުރުމަށް ޝައުގުވެރިކަން ހުއްޓެވެ. ނަމަވެސް މަންމަގެ އެދުމަށް އިމްޝާ އޯލެވެލް ނިންމާލުމަށްފަހު ނަރުހަކަށް ވުމަށް ކިޔެވުން ފަށައި ނަރސިންގެ އެޑްވާންސް ކޯސް ފުރިހަމަކުރިއެވެ.
އުމުރުން 19 އަހަރުގައި ރަހުމަތްތެރިއަކު ދިން ޚިޔާލަކާއެކު އިމްޝާ ކުރިންވެސް ދެކެމުން އައި ޤައުމަށް ޚިދުމަތް ކުރުމުގެ ހުވަފެން ހަގީގަތަކަށް ހަދަން ބޭނުންވިއެވެ. އެކަމަށް މަންމަގެ ރުހުން ހޯދުމަށް ދުވަސްތަކެއް ނެގިނަމަވެސް އެކަން ކާމިޔާބުކޮށް، އެމްއެންޑީއެފް އާއި ފުލުހުންގެ ޚިދުމަތަށް ވަޒީފާއަށް ކުރިމަތިލިއެވެ. ފުލުހުންގެ ޚިދުމަތުން ފުރުޞަތު ލިބުމުން އިމްޝާ ނިންމީ އެ ޚިދުމަތާ ގުޅުމަށެވެ. މިއަހަރުގެ ކުރީކޮޅު ޒަވާޖީ ހަޔާތެއް ފެށި އިމްޝާ ބުނިގޮތުގައި އޭނާ ފުލުހުންގެ ޚިދުމަތުގައި ކުރިއަށްދިއުމަށް ފިރިމީހާއާއި އާއިލާގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެއެވެ.
އިމްޝާ ފުލުހުންގެ ޚިދުމަތާ ގުޅުމަށްފަހު 41ވަނަ އަސާސީ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވީ ސްކުއަޑްގެ އެންމެ މޮޅު ދަރިވަރަށްވުމުގެ އަޒުމާއެކުގައެވެ. އެ އަޒުމުގައި ކުރި ބުރަ މަސައްކަތާއެކު އިމްޝާއަށް ކޮމްޕެނީ ލީޑަރުކަން ލިބިގެންދިޔައެވެ.
ލިބުނު ކާމިޔާބީއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އިމްޝާގެ ބުނީ މުޅި ބެޗުގެ އެންމެ މޮޅު ދަރިވަރަށް ހޮވިގެންދާނެކަމަށް އުއްމީދުނުކުރާކަމަށެވެ. ނަމަވެސް އޭނާގެ ހުނަރު ފެނި ސްކުއަޑްގެ ލީޑަރު، އެންމެ މޮޅު ދަރިވަރަށް ވާދަކުރުމުގެ ޚިޔާލު ދިން ކަމަށާއި އެއާއެކު އެކަން ހާސިލް ކުރަން މަސައްކަތް ފެށި ކަމަށް އިމްޝާ ބުންޏެވެ.
އިމްޝާ ކުޑައިރުއްސުރެ ކިޔެވުމަށް ޝައުގުވެރިކަން ހުރެއެވެ. އަދި ސްކޫލު ދައުރުގައި އިމްޝާ ވަނީ އެތުލެޓިކްސްގައިވެސް ފާހަގަކުރެވޭ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން އޯލެވެލްގައި، ސްކޫލުން ދެވަނައަށް އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލްކޮށްފައިވާއިރު 2019ވަނަ އަހަރުގެ އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތުގައި 200 މީޓަރާއި 100 މީޓަރުގެ ދުވުމުގައި ދެވަނަ އަދި ތިންވަނަ ހާސިލްކޮށް، ޖެވެލިން ތްރޯއިންއިން އިމްޝާ ވަނީ އެއްވަނަ ހާސިލްކޮށްފައެވެ.
އެމަގުން ގަދަ ހިތްވަރާއެކު އިމްޝާ ކުރި ބުރަ މަސައްކަތުގައި މިއަދަކީ އެންމެ ފާހަގަކޮއްލެވޭ ދުވަހެވެެ. ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ތާރީޚުގައި އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އަންހެން ފުލުހުގެ ގޮތުގައި އިމްޝާގެ ނަން ތާރީޚުގައި ލިޔެވިގެންދިޔައީއެވެ. އިމްޝާ ގަބޫލުކުރާ ގޮތުގައި މިފަދަ ކާމިޔާބީއަކަށް ބޭނުންވަނީ ނުގުޑާނެ ފަދަ ހިތްވަރަކާއި އަޒުމެކެވެ. މިއަދު އިމްޝާއަށް އެންމެ އުފާވެރިކަން ލިބެނީ މަންމަ ފަޚުރުވެރިވާނެ ފަދަ ވަނައެއް ލިބުމެވެ.
"އަޅުގަނޑު ވަރަށް އުފާވޭ. އެންމެ ބޮޑަށް އުފާވަނީ މަންމަ ފަޚުރުވެރިވާ ދަރިއަކަށް ވީމަ. މިއީ އެއްވެސް އިރަކު އުއްމީދުކުރި ކާމިޔާބީއެއް ނޫން. މިއީ ވަރަށް ބުރަ މަސައްކަތާއި ޑެޑިކޭޝަން." އިމްޝާ ކިޔައިދިނެވެ.
އިމްޝާ ގަބޫލުކުރާގޮތުގައި ފުލުހުންގެ ޚިދުމަތުގައި އަންހެނަކަށްވުމަކީ ފުރުޞަތުތައް ހަނިވާން ޖެހޭ ސަބަބެއް ނޫނެވެ. އަދި އެފަދަ ވަނަތައް ނުލިބެންވީ ސަބަބެއްްވެސް ނޫނެވެ. އެހެން މީޙުންނަށް އިޙްތިރާމްކޮށް، އަޚުލާގު ހިފަހައްޓައި، ވަރުގަދަ އަޒުމަކާއެކު ކުރިއަށްގޮސްފިނަމަ އިމްޝާއަށް ލިބުނު ކާމިޔާބީ ހާސިލް ކުރުމަކީ ކޮންމެ އަންހެން ދަރިއަކަށްވެސް ކުރެވޭނެ ކަމެއްކަން އިމްޝާ ގަބޫލުކުރޭއެވެ.
"ފުލުހަށް ވަނުމުން ވަރަށް ގިނަ ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިވެގެންދާނެ. ކުރިއެރުން ލިބޭނެ. ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ. މި ދާއިރާއަށް ވަންނަން ބޭނުންވާ ކުދިން ފަސްނުޖެހި ވަންނާށޭ ބުނާނީ. އަދި އަންހެން ކުދިންވެސް ވީހާވެސް ގިނައިން މި ދާއިރާއަށް ވަނުމަށް އެދެނީ،" އިމްޝާ ކިޔައިދިނެއެވެ.
ބުރަ މަސައްކަތާއެކު ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 185 ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލްކުރުމަކީ ޤައުމީ ޚިދުމަތުގައި އިމްޝާގެ ފުރަމަ ފިޔަވަޅެވެ. އިމްޝާގެ އުއްމީދަކީ ކްރިމިނަލް އިންވެސްޓިގޭޝަންގެ ދާއިރާއިން ކިޔެވެން އޮތް އެންމެ މަތީ ފެންވަރަށް ކިޔަވައިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ އިސް މަގާމާ ހަމައަށް ދިއުމެވެ.
ފުލުހުންގެ ހުވަޔާއި އެއްގޮތަށް ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ނަޒާހަތްތެރިކަމާއެކު، ސާބިތުކަންމަތީ ދެމިހުންނާނެކަމުގެ ޔަގީންކަން އިމްޝާ ދެއެވެ.