އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވެއްޖެ އެވެ.
ވެސްޓްހޭމް ޔުނައިޓެޑްގެ ލަންޑަން ސްޓޭޑިއަމްގައި ފަސްދޮޅަސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އެސްޓަން ވިލާއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ވެސްޓްހޭމް އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ކުޅުން ފެށުނުތާ 29 ވަނަ ސިކުންތުގައި ވެސްޓްހޭމްގެ މެތިއުސް ފެނާންޑެޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި ޖަހާފައިވާ އެންމެ އަވަސް ލަނޑެވެ.
އެސްޓަން ވިލާ އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 9 ވަނަ މިނިޓުގައި ޖޯން މެކްގިން ނެގި ހުރަހެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ކޮންސްޓަންޓިނޯސް މަވްރޮޕަނޯސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުންނެވެ.
ނަމަވެސް މެޗުގެ 24 ވަނަ މިނިޓުގައި ވެސްޓްހޭމްގެ ޖެރޮޑް ބޮވެން ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އުނެއި އެމެރީގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ރަގަޅު ނަތީޖާތަކެއް ހޯދަމުންދާ އެސްޓަން ވިލާއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި މޯގަން ރޮޖަރސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުން އެސްޓަން ވިލާ މޮޅުވި ލަނޑަކީ މެޗުގެ 79 ވަނަ މިނިޓުގައި މޯގަން ރޮޖަރސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު އެސްޓަން ވިލާ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. ވެސްޓްހޭމް ޔުނައިޓެޑަށް ލިބިފައިވާ 13 ޕޮއިންޓާއެކު އޮތީ ތާވަލުގެ 18 ވަނައިގަ އެވެ.