ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 16 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.
ބާސެލޯނާގެ ނޯކޭމްޕްގައި ކުޅުނު މި މެޗުގައި ބާސެލޯނާއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި ވަނީ ޖުމްލަ 24 ފުރުސަތު ތަނަވަސްކޮށްފަ އެވެ.
މެޗުގެ 23 ވަނަ މިނިޓުގައި ބާސެލޯނާގެ ފެރާން ޓޯރޭޒް ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި ޕެޑްރީ ދިން ޕާހަކުން ކެޕްޓަން ރަފީނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށް ބާސެލޯނާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.