"މޯލްޑިވިއަން އައިޑަލް" ސީޒަން 2 ގެ އޮފިޝަލް ޓްރެއިލަރ ލޯންޗްކޮށް، ޝޯވގައި ބައިވެރިވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، "މޯލްޑިވިއަން އައިޑަލް"ގެ ސީޒަން އެކެއް ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މި ޝޯވއަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަންނާނުންގެ އިތުރުން، އެތަކެއް ބެލުންތެރިންނެއްގެ މަޤުބޫލުކަން ވަނީ ލިބިގެންގޮސްފައިއެވެ.
img:http://s3.psmnews.mv/images/660x400/14727433006823.jpg|
މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިރޭ ހުޅުވާލާފައިވާއިރު، 16 އަހަރާއި، 30 އަހަރާއި ދެމެދުގެ ކޮންމެ ފަރާތަކަށްވެސް މި ޝޯވގައި ބައިވެރިވެވޭނެއެވެ. އެގޮތުން ޝޯވގައި ބައިވެރިވުމަށް އެސް.އެމް.އެސް ކުރައްވާނީ MI ޖެއްސެވުމަށްފަހު، ހުސްތަންކޮޅެއް ދޫކުރައްވާފައި، ފުރިހަމަ ނަން، އުމުރު، އައި.ޑީ ކާޑު ނަންބަރު އަދި މިހާރު ދިރިއުޅޭ އެޑްރެސް ޖެއްސެވުމަށްފަހު 300 އަށެވެ.
ލަވަކިޔުމާއި، މިއުޒިކްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ތިބި ޒުވާނުންނަށް "މޯލްޑިވިއަން އައިޑަލް" މި ޕްލެޓްފޯމް ވެގެންގޮސްފައިވަނީ ޕީ.އެސް.އެމްގެ ފަރާތުން ހުޅުވާލަދިން ރަނުގެ ފުރުޞަތަކަށެވެ. ރާއްޖޭގެ 5 ސަރަޙައްދެއްގައި ކުރިއަށްގެންދިޔަ އޮޑިޝަންތަކުން ހޮވާލެވުނު ކުދިންތަކުގެ މެދުގައި ވަރަށްވެސް ވާދަވެރި، އަދި އެހާމެ ފޯރިގަދަކޮށް ކުރިއަށް ގެންދިޔަ ޝޯވތަކަކަށްފަހު، ގްރޭންޑް ފިނާލޭއިން މޯލްޑިވިއަން އައިޑަލް ހޮވައި ސީޒަން އެކެއް ނިންމާލާފައިވާއިރު، މި ޝޯވއަށް ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.
img:http://s3.psmnews.mv/images/660x400/14622400567895.jpg|މޯލްޑިވިއަން އައިޑަލް - ސީޒަން އެކެއްގެ ޓައިޓްލް ހޯދި ލައިޝާ ޖުނައިދު / ފޮޓޯ: ޕީ.އެސް.އެމް
"މޯލްޑިވިއަން އައިޑަލް – ސީޒަން 2" ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި، ޕީ.އެސް.އެމްގެ ފަރާތުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން، އައިޑަލްގެ ޕްރޮޖެކްޓުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ވޯކްޝޮޕެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ސީޒަން 2 އަށް ބޭނުންވާ ޖަޖުންނާއި، ޕްރެޒެންޓަރުން ހޮވުމަށްޓަކައި، އެކަމަށް ޝައުޤުވެރިވާ ޒުވާނުންނަށް ކައިިރި މުސްތަޤުބަލެއްގައި ފުރުޞަތު ހުޅުވާލެވިގެންދާނެއެވެ. އަދި ސީޒަން އެކަކަށް ތައްޔާރުވުމުގެ ގޮތުން ޕީ.އެސް.އެމްގެ ޓީމުން އިންޑިޔާއަށް ތަޖުރިބާ ޙިއްޞާކުރުމުގެ ދަތުރެއް ކޮށްފައިވާއިރު، ސީޒަން ދެއަކަށް ތައްޔާރުވުމުގެ ގޮތުންވެސް މިފަދަ ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިފަހަރުވެސް ފްރެމެންޓަލް މީޑިއާގެ ފަރާތުން ފަންނީ މީހުން ރާއްޖެ އައިސް، ޚާއްޞަ ޓްރެއިނިންގތަކާއި، ކޮންސަލްޓެންސީ ދިނުމަށް ހަމަޖެހިފައިވެއެވެ.
"މޯލްޑިވިއަން އައިޑަލް – ސީޒަން 2"ގެ ޓައިޓަލް ސްޕޮންސަރަކީ މިފަހަރުވެސް ދިރާގެވެ. މެއިން ސްޕޮންސަރުންގެ ގޮތުގައި އެލައިޑް އިންޝުއަރެންސް، އެސް.ޓީ.އޯ އަދި ލޮޓަސް ފިހާރަ ހަމަޖައްސާފައިވާއިރު، ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަންއެވެ. ސީޒަން 2 އޮޑިޝަންތައް ބާއްވާނެ ސަރަޙައްދުތަކާއި، ތާރީޙުތައް ފަހުން އިޢުލާން ކުރުމަށްވަނީ ހަމަޖެހިފައެވެ.