ޚަބަރު

މިދިޔަ ހަފްތާގައި މާލޭގައި 50 އެކްސިޑެންޓް، 37 އުޅަނދަށް ގެއްލުން!


  • ބްރިޖާއި ހައިވޭގައި 11 އެކްސިޑެންޓު ހިނގާފައިވޭ

  • 2 ސައިކަލު ޖެހިގެން 15 އެކްސިޑެންޓު ހިނގާފައިވޭ

މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުގައި 50 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އެކްސިޑެންޓުތަކުގައި 37 އުޅަނދަކަށް ގެއްލުންވެފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، މިދިޔަ މަހުގެ 30އިން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި ހިނގި އެކްސިޑެންޓުތަކުގެ މަޢުލޫމާތު ހާމަކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި 50 އެކްސިޑެންޓް ހިނގާފައިވާއިރު، އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 6ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 10 އެކްސިޑެންޓް ހިނގާފައިވެއެވެ. އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ، މިމަހުގެ 2 ވަނަ ދުވަހުއެވެ. އެދުވަހު 5 އެކްސިޑެންޓް ހިނގާފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި މުއްދަތުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި ހިމެނޭ %97 އުޅަނދަކަށް ގެއްލުން ލިބިފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އެކްސިޑެންޓުތަކުގެ ތެރެއިން 37 އެކްސިޑެންޓް ހިނގާފައިވަނީ ދުވާލުގެ ވަގުތުގައެވެ. އެއީ، %74 އެވެ. އަދި 13 އެކްސިޑެންޓެއް ހިނގާފައިވަނީ، ރޭގަނޑުގެ ވަގުތުގައެވެ. އެއީ، %26 އެވެ.

މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓުތަކުގެ ތެރެއިން ބްރިޖާއި، ހައިވޭގައި %22 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެންމެ ގިނަ އެކްސިޑެންޓް ހިނގީ، ސައިކަލު ދުއްވުމުގެ ތެރޭގައެވެ. އެގޮތުން 2 ސައިކަލު ޖެހިގެން 15 އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި ސައިކަލާއި، ކާރު ޖެހިގެން 10 އެކްސިޑެންޓު ހިނގާފައިވެއެވެ.

އާންމު ގޮތެއްގައި އެކްސިޑެންޓްތައް ހިނގަން ދިމާވަނީ، ދުއްވަން ޖެހޭ ސްޕީޑަށްވުރެ ބާރު ސްޕީޑްގައި ސައިކަލު ދުއްވައިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމަށާއި، އޯވަރޓޭކް ނުކުރުމަށް ފުލުހުން އަބަދުވެސް ދަނީ ނަސޭހަތްތެރިވަމުންނެވެ.

މީގެއިތުރުން، މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށާއި، ދުއްވާ އެއްޗިއްސަށް އުނދަގޫ ނުވާނެ ގޮތަށް، އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މަގުމަތީގެ ޤަވާއިދުތަކަށް ޢަމަލު ކުރުމަށް ފުލުހުން ޢިލްތިމާސްކުރައްވައެވެ.