ސިޔާސީ

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަނީ


  • މިބިލު މަޖިލީހަށް ހުށަހެޅުއްވީ މިއަދު

  • އައު ދައުރުގައި މި ބިލުގެ މަސައްކަތް ކުރިއަށްދާނެ

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލްޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

ރާއްޖޭގައި ޖުވާ ކުޅުން މިފަހުން ވަނީ އާންމުވެފައެވެ. އެގޮތުން، ޖުވާ ކުޅެވޭ ބައިނަލްއަގުވާމީ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ދިވެހީން ޖުވާ ކުޅޭކަން ފާހަގަކުރެވެއެވެ.

ޤައުމީ ބޭންކު، ބީއެމްއެލްއިންވެސް ވަނީ ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް އެ ބޭންކުގެ އެކައުންޓުތައް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. މިފަދަ ސައިޓުތައް ބްލޮކް ކުރުމަށްވެސް އެ ބޭންކުން ވަނީ ނިންމާފައެވެ.

ޖުވާގެ މުއާމަލާތްތަކަކީ އިސްލާމްދީނުގައިވެސް ހަރާމް ކުރައްވާފައިވާ އަމަލުތަކެކެވެ.

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނައުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު މަޖިލިސް މިވަގުތު އޮތީ މިއަހަރުގެ ތިން ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު ޗުއްޓީގައެވެ. އެހެންކަމުން މި ބިލުގެ މަސައްކަތްތައް ކުރިއަށްގެންދާނީ އަންނަ އަހަރުގެ ދައުރުތައް ފެށުމާއެކުގައިކަމަށް ލަފާ ކުރެވެއެވެ.