ޚަބަރު

ވޮލީން ސަރަހައްދީ ފުރަތަމަ ރަން މެޑަލް ހާސިލް ކުރާނީ ކަނބަލުން: ލަޠީފް


ވޮލީބޯޅައިން ސަރަހައްދީ ފުރަތަމަ ރަން މެޑަލް ރާއްޖެއަށް ގެނެސްދޭނީ އަންހެން ވޮލީ ޓީމުންކަމަށް ގަބޫލުކުރައްވާކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ލަޠީފް ވިދާޅުވީ ވޮލީގައި ހަރަކާތްތެރިވާ ކަނބަލުން ރާއްޖޭގައި ގިނަކަމަށެވެ. އަދި ޤައުމީ ވޮލީ ޓީމަކީވެސް ހުނަރުވެރި ކަނބަލުންތަކެއް ނިސްބަތްވާ ޓީމެއްކަމަށާއި އެކުޅުންތެރިންގެ ފަރާތުން ފެންނަމުންދަނީ، ކަމަށް ކަމޭހިތައިގެން ގައުމަށް ރީތި ނަން ހޯދައިދިނުމަށް ކުރާ މަސައްކަތްކަމަށެވެ.

ލަޠީފް ވިދާޅުވީ ވީއޭއެމްއިން އަންހެނުން ބާރުވެރިކުރުވުމަށް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން އަންހެން ކޯޗުން ތަމްރީނުކުރުމާއި، ކުޅުންތެރިންގެ ކުރިއެރުމަށް މަސައްކަތެއް ކުރެވުނުކަން ލަޠީފް ފާހަގަކުރެއްވިއެވެ. އަދި މި ކުޅިވަރުގައި ގިނަ އަދަދަކަށް ކަނބަލުން ހަރަކާތްތެރިވަމުން އަންނަތަން ވަރަށް ބޮޑަށް ފެންނަކަމަށާއި މިއީ ވޮލީއިން ފެންނަ އުންމީދީ މަންޒަރެއްކަމަށް އޭނާ ވިދާޅުވެފަވެއެވެ.

"އަންހެނުން ބާރުވެރިކުރުވުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްތަކެއް އެބަ ކުރަން. އެކަމަށް ހިތްވަރު ލިބެނީވެސް ކަނބަލުންގެ ފޯރިއާއި ހިތްވަރުން. އަޅުގަނޑުމެންގެ ޑޭޓާބޭހަށް ބަލާއިރު ފިރިހެނުންނަށްވުރެ ވޮލީ ކުޅޭ އަންހެނުން ގިނަ" ލަޠީފް ވިދާޅުވިއެވެ.

ލަޠީފް ވިދާޅުވީ މިމަންޒަރަކީ ހަމައެކަނި މާލެއިން ފެންނަ މަންޒަރެއް ނޫންކަމަށާއި އަތޮޅު ތެރެއަށް ބަލާލިޔަސް މި ކުޅިވަރުގައި ހަރަކާތްތެރިވާ ކަނބަލުންގެ ނިސްބަތް އިތުރުކަމަށެވެ. އެހެންކަމުން ސަރަހައްދީ ފެންވަރުގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ގެނެސްދޭނީ ޤައުމީ އަންހެން ވޮލީ ޓީމޭ ބުނެވިދާނެކަމަށް ލަޠީފް ހާމަކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިއީ ފިރިހެންކުދިންނަށް ބުނާ ދެރަ ބަހެއް ނޫން. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި ރީޖަނަލް ފުރަތަމަ މެޑަލް ހާސިލްކުރާނީވެސް ކަނބަލުންކަމަށް އަޅުގަނޑަށް ފެނޭ" ލަޠީފް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ލަޠީފް އިތުރަށް ވިދާޅުވީ މިއަހަރަކީ ވީއޭއެމުން އުންމީދުކުރި ފަދަ ނަތީޖާ ނެރެވުނު އަހަރެއް ނޫންކަމަށެވެ. ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް އޭނާވަނީ ފާހަގަކުރައްވާފައެވެ. ވީއޭއެމްއިން މަސައްކަތްކުރަމުންދަނީ ހަރުދަނާ އުސޫލެއްގެ ދަށުން އެސޯސިއޭޝަންގެ ކަންކަން ބައްޓަންކޮށް ކުޅުންތެރިންގެ ލާބަޔާއި މަންފާއަށް ވިސްނައިގެން ކަންކަން ކުރުމަށްކަމަށް ލަޠީފް ވިދާޅުވިއެވެ.

"2025 ވަނަ އަހަރު ނިމިގެން މިދިޔައީ އަޅުގަނޑުމެން އުންމީދުކުރި ނަތީޖާއަކާއެކު އެއް ނޫން. އަޅުގަނޑުމެން ބޭނުންވި ނަތީޖާތަކެއް ހާސިލެއް ނުކުރެވުނު. އެކަން އެހެންވީ ކިހިނެތްތޯ އަޅުގަނޑުމެން ބަލައިފިން. އެކަމުން ފާހަގަކުރެވުނީ ނެޝަނަލް ޓީމުގެ ޓްރެއިނިންތައް ރޭވިގެން މިދިޔައީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫންކަން" ލަޠީފް ވިދާޅުވެފަވެއެވެ.

ލަޠީފް ވިދާޅުވީ ނަތީޖާ ދަށްވުމުގައި ކުޅުންތެރިންގެ މައްސަލައެއް ނެތްކަމަށެވެ. ނަތީޖާ ދަށްވާން ދިމާވީ، ގައުމީ ޓީމު ހިންގުމުގައި އެސޯސިއޭޝަނަށް ދިމާވި ގޮންޖެހުމެއްގެ ސަބަބުންކަމަށާ އެކަން އެގޮތަށް ތަކުރާރުވިޔަ ނުދިނުމަށް ޚާއްސަ ސަމާލުކަމެއްދެއްވާނެކަމަށް ލަޠީފް ވިދާޅުވިއެވެ.

"އެކަންކަން އައިޑެންޓިފައިކޮށްފަ، އެކަންކަން ޙައްލުކޮށްގެން އެހުރިހާ ކަމެއް ރަނގަޅުކުރުން ކުރިއަށް މިގެންދަނީ" ލަޠީފް ވިދާޅުވިއެވެ.

މިފަދަ އިސްލާޙީ ފިޔަވަޅުތަކެއް އަޅަމުން ދާއިރު، ބައެއް ފަހަރު ކުޅުންތެރިންނާއި، ކޯޗުންގެ ހިތްހަމަނުޖެހުން އެސޯސިއޭޝަނަށް އަމާޒުވާކަމަށާއި، މިފަދަ ހާލަތްތަކުގައި ސީދާ އެސޯސިއޭޝަންގެ ބޭފުޅުންނާއި ގުޅުއްވައި އެ ކަންކަމުގެ ޙަގީގަތް ބެއްލެވުމަށް ލަޠީފް ވަނީ އިލްތިމާސްކުރައްވާފައެވެ. މިކުޅިވަރު ކުރިއަރާނީ ވޮލީ އާއިލާ ގުޅިގެން މަސައްކަތްކޮށްގެންކަމަށް ވީއޭއެމްގެ ރައީސް ފާހަގަކުރެއްވިއެވެ.

"ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ކުޅުންތެރިއަކަށްވެސް ދެރައެއް ނުދޭނަން. ކުޅުންތެރިއަކަށް ފިޔަވަޅު އެޅިޔަސް އަޅާނީ އެކުއްޖާ އަނބުރާ ވޮލީގެ ތެރެއަށް ގެނައުމަށް. އެއްވެސް ކުޅުންތެރިއެއްގެ ކެރިއަރު ހަލާކުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްނުކުރާނެކަމުގެ ޔަގީންކަން ވޮލީބޯޅަ އާއިލާއަށް އަޅުގަނޑުމެން ދެން"

ވީއޭއެމް އަބަދުވެސް ތިބޭނީ ކުޅުންތެރިންނާއި އެކުގައިކަމަށާއި، އެއްވެސް ކުޅުންތެރިއަކަށް ދެރައެއް ލިބިދާނެ އެއްވެސް ކަމެއް އެސޯސިއޭޝަނުން ނުކުރާނެކަމުގެ ޔަގީންކަން ލަޠީފް ވަނީ ދެއްވައިފައެވެ. އެގޮތުން ކުޅުންތެރިންނާމެދު ފިޔަވަޅު އަޅަންޖެހޭ ހާލަތެއްގައި އެ ފިޔަވަޅު އަޅަނީވެސް ކުޅުންތެރިން އަނބުރާ ވޮލީއަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޮލީ ކުރިއެރުވުމަށް ވީއޭއެމުން އަބަދުވެސް މަސައްކަތްކުރާނެކަމަށާއި ކުރިއަށް އޮތް އަހަރާ ކުރިމަތީލާނީ އައު އުންމީދުތަކަކާއެކުމަށް ލަޠީފް ވިދާޅުވިއެވެ.