ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެކަން ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނޭ އިއުލާނު ކުރައްވައިފިއެވެ.
އެމަނިކުފާނު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އެމެރިކާގައި ބާއްވާ ރަސްމިއްޔާތަށް ވަޑައިގެން، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ކެނެޑާ އާއި އެމެރިކާގެ ގުޅުން ބަދަހި ކުރުމަށާއި ވިޔަފާރީގެ ދާއިރާގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ކެނެޑާ އަކީ އެމެރިކާއިން މާލީ ދަތިކުރުމުގެ ފިޔަވަޅު އިސްކޮށްފައިވާ އެއް ގައުމެވެ. މި ގޮތުން އެ ގައުމުގެ ތަކެތިން 25 ޕަސެންޓާއި 35 ޕަސެންޓާ ދެމެދު ޓެރިފެއް ނަގަން ޓްރަމްޕް ވަނީ އަމުރު ކުރައްވާފަ އެވެ. ބޮޑު ވަޒީރު ވިދާޅުވީ މިފަދަ ކަންކަމާ ގުޅޭ ގޮތުން އެމެރިކާ އަށް ވަޑައިގެން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ ތިން ގައުމެއް ގުޅިގެންނެވެ. އެއީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ އެވެ. މީގެ ތެރެއިން މެކްސިކޯގެ ރައީސް ރައީސް ކްލައުޑިއާ ޝެއިންބައުމް ވިދާޅުވީ އެ ކަމަނާ ރަސްމިއްޔާތަށް އެމެރިކާ އަށް ވަޑައިގަންނަވާނީ ޝަރުތެއްގެ މަތިން ކަމަށެވެ. އެއީ ގުރު ނަގަން ކެނެޑާ އާއި އެމެރިކާގެ ވެރިން ވަޑައިގަންނަވާނަމަ އެކަނި ކަމަށެވެ. މިހެންވެ އެކަމަނާ އެމެރިކާ އަށް ވަޑައިގަތުމުގެ ކަންކަން ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަހަރުމެން އަދި ގޮތެއް ނުނިންމަން. ގުރު ނެގުން އޮތީ ފަހެއްގައި (ހުކުރު ދުވަހުގެ ރޭ). އަހަރުމެން މިދަނީ އެތަނަށް ދާނީތޯ ޔަގީންކުރަމުން. އަހަރުމެން މިދަނީ ބޮޑުވަޒީރު ކާނޭ ވެސް ވަޑައިގަންނަވާތޯ ޔަގީން ކުރަމުން. އަދި ރައީސް ޓްރަމްޕް ވަޑައިގަންނަވާނެކަން ޔަގީންވާނަމަ އެކަމަށް ފުރުސަތު އެބައޮތް. އަހަރުމެން ގޮތެއް ނިންމައިފިނަމަ އެކަން އިއުލާނު ކުރާނަން،" ކްލައުޑިއާ ވިދާޅުވި އެވެ.
އެމެރިކާ އާއި މެކްސިކޯގެ ގުޅުން ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާއެކު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ހާއްސަކޮށް ސިޔާސީ އަދި ވިޔަފާރީގެ ދާއިރާގަ އެވެ. މި ގޮތުން ރައީސް ކަމަށް ވަޑައިގަތުމާއެކު ޓްރަމްޕް ވަނީ ގަލްފް އޮފް މެކްސިކޯގެ ކަނޑުގެ ނަންނަ ގަލްފް އޮފް އެމެރިކާ އަށް ވެސް ބަދަލު ކުރުމަށް ވެސް މަސައްކަތް ކުރައްވާފަ އެވެ.
މިފަދަ ކަންކަން މިހެން ހުރުމާއެކު ރައީސް ކްލައުޑިއާ އިތުރަށް ވިދާޅުވީ ރަސްމިއްޔާތަށް އޭނާ ވަޑައިގަންނަވާނީ އެމެރިކާއިން ފުރިހަމަ ކުރަންޖެހޭ ޑިޕްލޮމެޓިކް އިންތިޒާމްތައް ފުރިހަމަ ކުރައްވައިފިނަމަ ކަމަށެވެ. ނަމަވެސް ރައީސް ޓްރަމްޕާ ބައްދަލު ކުރެއްވުމާމެދު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
"އަހަރުމެންނަށް ދައުވަތު ލިބުނީ ފީފާއިން. އެމެރިކާ އަކުން ނޫން. އެހެންވީމާ ރައީސް ޓްރަމްޕާ ބައްދަލު ކުރެއްވާނެ ކަމާމެދު އަދި ވަކި ގޮތެއް ނުނިމޭ. އިންތިޒާމްތައް ހަމަޖައްސައިދީފިނަމަ އެއީ ނުވާނެ ކަމެއް ވެސް ނޫން،" ކްލައުޑިއާ ވިދާޅުވި އެވެ.
ސިޔާސީ ގޮތުން އެމެރިކާއާ ގުޅުން ގޯސްވުމުގެ ސަބަބުން އިރާނުން ވެސް ވަނީ ވޯލްޑް ކަޕް ގުރު ނެގުމުގެ ރަސްމިއްޔާތު ބޮއިކޮޓް ކުރާނެ ކަމަށް ބުނެފަ އެވެ. އެއީ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މި ރަސްމިއްޔާތަށް ވަޑައިގަތުމަށް ވިސާ ހަމަޖައްސައި ނުދިނުމުންނެވެ.