ކިއުބާގައި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވެ، މިހާތަނަށް 33 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.
ކިއުބާގެ ސިއްޙީ ވުޒާރާއިން ލަފާކުރާ ގޮތުގައި، މަދިރިންޖެހޭ ބަލިތައް މިހާރު ވަނީ އެ ޤައުމުގެ ޖުމްލަ އާބާދީގެ ތިން ބައި ކުޅަ އެއް ބަޔަށް ފެތުރިފައެވެ.
ކިއުބާގެ ސިއްޙީ ވަޒީރުގެ ނައިބު، ކެރިލްޑާ ޕޭންޔާ ވިދާޅުވި ގޮތުގައި، ޑެންގީ ހުން ޖެހިގެން މިހާތަނަށް 12 މީހުން މަރުވެފައިވާއިރު، ޗިކުންގުންޔާ ޖެހިގެން 21 މީހުން ވަނީ މަރުވެފައެވެ.
އޭގެތެރޭގައި 21 ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޤްތިޞާދީ ދަތިތަކުގެ ސަބަބުން، ކިއުބާގެ ސިއްޙީ ފަރުވާގެ ނިޒާމު ބަލިކަށިވެފައިވާއިރު، މި ބަލިމަޑުކަން ފެތުރުމުގައި އެކަށީގެންވާ ގޮތެއްގައި ފަރުވާދިނުމަށް އެ ޤައުމު ވަނީ ނުކުޅެދިފައެވެ. މީގެއިތުރުން، މާލީ ދަތިތަކާހުރެ މަދިރި ނައްތާލުމަށް އެކަށީގެންވާ ވަޞީލަތްތައް ނެތުމަކީ ވެސް ބަލިތައް ފެތުރުން ހުއްޓުވަން ކިއުބާއަށް ދިމާވެފައިވާ އިތުރު ގޮންޖެހުމެކެވެ.
ޕޭންޔާ ވިދާޅުވި ގޮތުގައި، ޗިކުންގުންޔާ ޖެހިގެން މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް 5،700 އަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް، ބަލިވެގެން ޑޮކްޓަރަށް ނުދައްކާ މީހުން ގިނަކަމުން، އެ ޢަދަދު އެތައް ގުނައެއް އިތުރުވާނެކަމަށް ސިއްޙީ މާހިރުން ލަފާކުރައްވައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން މިދިޔަ ޖުލައި މަހު ވަނީ، ޗިކުންގުންޔާ ފެތުރުން ކޮންޓްރޯލްކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފައެވެ.