ކުޅިވަރު

ވޯލްޑް ކަޕް ގުރު ނަގަން ގައުމުތަކުގެ ވެރިން ވަޑައިގަންނަވާނެތަ؟


ދުނިޔެގެ ތަށްޓަށް ކުޅެ ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތަށް އެމެރިކާ އަށް ގައުމުތަކުގެ ވެރިން ވަޑައިގަންނަވާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

އަންނަ އަހަރުގެ މުބާރާތް ބާއްވަނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ. ނަމަވެސް މުބާރާތުގެ ވަރަށް ބޮޑު ބައެއް ކުޅޭނީ އެމެރިކާގަ އެވެ. ގުރު ނެގުމުގެ ރަސްމިއްޔާތު އޮންނާނީ ވެސް އެމެރިކާގަ އެވެ. އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްގެ ސަރުކާރުން އެކިއެކި ގައުމުތަކާމެދު ގެންގުޅެމުންދާ ސިޔާސަތުގެ ސަބަބުން މި ބޮޑު ރަސްމިއްޔާތަށް މުބާރާތް ކޯ ހޯސްޓް ކުރާ ގައުމުތަކުގެ ވެރިން ވަޑައިގަންނަވާނެކަން އަދި ޔަގީނެއް ނޫނެވެ.

މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް އާއި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނޭ މި ރަސްމިއްޔާތަށް ވަޑައިގެންނެވުމާމެދު ގޮތެއް ނުނިންމަވަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޓްރަމްޕް ރަސްމިއްޔާތަށް ވަޑައިގަންނަވާނެކަން ފީފާއިން ވަނީ އިއުލާނުކޮށްފަ އެވެ.

މެކްސިކޯގެ ރައީސް ވިދާޅުވީ އެކަމަނާ އެމެރިކާ އަށް ވަޑައިގަތުމުގެ ކަންކަން ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަހަރުމެން އަދި ގޮތެއް ނުނިންމަން. ގުރު ނެގުން އޮތީ ފަހެއްގައި (ހުކުރު ދުވަހުގެ ރޭ). އަހަރުމެން މިދަނީ އެތަނަށް ދާނީތޯ ޔަގީންކުރަމުން. އަހަރުމެން މިދަނީ ބޮޑުވަޒީރު ކާނޭ ވެސް ވަޑައިގަންނަވާތޯ ޔަގީން ކުރަމުން. އަދި ރައީސް ޓްރަމްޕް ވަޑައިގަންނަވާނެކަން ޔަގީންވާނަމަ އެކަމަށް ފުރުސަތު އެބައޮތް. އަހަރުމެން ގޮތެއް ނިންމައިފިނަމަ އެކަން އިއުލާނު ކުރާނަން،" ކްލައުޑިއާ ވިދާޅުވި އެވެ.

ގިނަ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ރަސްމިއްޔާތަށް ކެނެޑާގެ ބޮޑުވަޒީރު ވަޑައިގަންނަވާނެ އެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ނަމަވެސް ކްލައުޑިއާ ވިދާޅުވީ އޭނާ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ އެމެރިކާއިން ފުރިހަމަ ކުރަންޖެހޭ ޑިޕްލޮމެޓިކް އިންތިޒާމްތައް ފުރިހަމަ ކޮށްދީފިނަމަ ކަމަށެވެ. ނަމަވެސް ރައީސް ޓްރަމްޕާ ބައްދަލު ކުރެއްވުމާމެދު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

"އަހަރުމެންނަށް ދައުވަތު ލިބުނީ ފީފާއިން. އެމެރިކާ އަކުން ނޫން. އެހެންވީމާ ރައީސް ޓްރަމްޕާ ބައްދަލު ކުރެއްވާނެ ކަމާމެދު އަދި ވަކި ގޮތެއް ނުނިމޭ. އިންތިޒާމްތައް ހަމަޖައްސައިދީފިނަމަ އެއީ ނުވާނެ ކަމެއް ވެސް ނޫން،" ކްލައުޑިއާ ވިދާޅުވި އެވެ.

އެމެރިކާ އާއި މެކްސިކޯގެ ގުޅުން ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާއެކު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ހާއްސަކޮށް ސިޔާސީ އަދި ވިޔަފާރީގެ ދާއިރާގަ އެވެ. މި ގޮތުން ރައީސް ކަމަށް ވަޑައިގަތުމާއެކު ޓްރަމްޕް ވަނީ ގަލްފް އޮފް މެކްސިކޯގެ ކަނޑުގެ ނަންނަ ގަލްފް އޮފް އެމެރިކާ އަށް ވެސް ބަދަލު ކުރުމަށް ވެސް މަސައްކަތް ކުރައްވާފަ އެވެ.

ސިޔާސީ ގޮތުން އެމެރިކާއާ ގުޅުން ގޯސްވުމުގެ ސަބަބުން އިރާނުން ވެސް ވަނީ ވޯލްޑް ކަޕް ގުރު ނެގުމުގެ ރަސްމިއްޔާތު ބޮއިކޮޓް ކުރާނެ ކަމަށް ބުނެފަ އެވެ. އެއީ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މި ރަސްމިއްޔާތަށް ވަޑައިގަތުމަށް ވިސާ ހަމަޖައްސައި ނުދިނުމުންނެވެ.