ރިޕޯޓް

ސަލާހް ބާކީކޮށް ލިވަޕޫލުން ފެށީ ނުރައްކާ ދަތުރެއް؟


ވެސްޓްހަމްއާ ދެކޮޅަށް އިއްޔެރޭ 2-0އިން ލިވަޕޫލް ކާމިޔާބު ހޯދީ ޓީމުގެ އެންމެ މުހިންމު ފޯވަޑް މުހައްމަދު ސަލާހް ނުލަ އެވެ. އޭނާ އިނީ ބެންޗުގަ އެވެ. އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން 9 މެޗުން ލިވަޕޫލުން ބަލިވުމުން އެންމެ ގިނަ ބަޔަކު ބުނަމުންދިޔަ ވާހަކަ އަކީ ވެސް މައްސަލައަކީ ސަލާހް ކަމަށެވެ. ކޯޗު އާނޭ ސްލޮޓް އޭނާ އަށް މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބުކޮށްދިން ފޯވަޑް ނުލައި މި މެޗަށް ނުކުތީ ވެސް އެ ބަދަލު ގެނައުމަށް ވަށައިގެން ފިއްތުން ކުރިމަތިވުމުންނެވެ.

ހަގީގަތުގައި މިއީ އާދައިގެ ބަދަލެއް ނޫނެވެ. ފަސްޖެހިޖެހިފައި ވެސް ސްލޮޓް މި ތަޖުރިބާ ކުރަން ޖެހުނީ މަޖުބޫރު ވެގެންނެވެ. އޭނާގެ ވަޒީފާ ސަލާމަތް ކުރަން ވެސް ޖެހުމުންނެވެ. އުމުރުން 33 އަހަރުގެ ސަލާހް ބެންޗަށް ބަދަލު ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އޭނާ އަކީ ލިވަޕޫލުގެ ތާރީހުގައި އެ ކުލަބަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.

ސަލާހް ނުލައި ލިވަޕޫލުން އެންމެ ފަހުން މެޗެއް ފެށީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެފަހަރު ވެސް ނަތީޖާތައް ދަށްވިއިރު ސަލާހްގެ ފޯމު ހުރީ ވަރަށް ބޮޑަށް އަޑިއަޅާލާފަ އެވެ. އެކަމަކު އޭރު ކޯޗު ޔާގެން ކްލޮޕް، ސަލާހް ބެންޗަށް ބަދަލު ކުރީ އޭނާ އަށް ވުރެ މިސުރުގެ ފޯވަޑް ކުލަބުގައި ގަދަ ނުވާނެކަން އެނގިހުރެ އެވެ. ލިވަޕޫލްގައި ކްލޮޕަކީ މަގުބޫލު މީހެކެވެ. ކާމިޔާބު ކޯޗެކެވެ. ކްލޮޕްގެ ބައެއް ނިންމުންތަކާމެދު ސަލާހް ދެބަސްވެ، އިހްތިޖާޖު ކުރަން ފެށުމުން އޭނާ ބެންޗުގައި ބޭންދީ ވެސް ވެސްޓްހަމްއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. އެކަމަކު ފަހުން އަނެއްކާ ވެސް ފުރަތަމަ 11އިން ޖާގަ ދިނެވެ. އެ މެޗަށް ފަހު ނޫސްވެރިން ސުވާލު ކުރުމުން ސަލާހް ބުނީ "އަހަރެން ވާހަކަ ދައްކައިފިނަމަ ހުޅު ރޯވެދާނެ،" ކަމަށެވެ.

އެކަމަކު ކޯޗު ކްލޮޕްގެ ނިންމުމާއި ކޯޗު ސްލޮޓްގެ ނިންމުމުގައި ވަރަށް ބޮޑު ތަފާތެއްވެ އެވެ. މިހާރު އެންމެން ކަހަލަ ގޮތަކަށް ބުނަމުންދަނީ ލިވަޕޫލްގެ އަޑިއަޅާލުމުގެ މައިގަނޑު މައްސަލައަކީ ސަލާހް ޕާފޯމް ނުކުރުން ކަމަށެވެ. އަދި އޭނާގެ އަމިއްލަ އެދުން ބޮޑުވުން ކަމަށެވެ. ލިވަޕޫލުން މި ސީޒަނުގައި 450 މިލިއަން ޕައުންޑް ހަރަދުކޮށްގެން ގެނައި ކުޅުންތެރިންނަށް ޕާފޯމް ނުކުރެވިގެން އުޅޭ މައިގަނޑު އެއް ސަބަބަކީ ވެސް ސަލާހަށް ބަރޮސާވެގެން ޓީމު ނަގާތީ ކަމަށެވެ. މިހެންވެ އުމުރު ދޮށިވަމުންދާ ފޯވަޑްގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ޖާގަ ދޭން ޖެހޭ ކަމަށް ބުނަމުންދާ ކުރީގެ ލެޖެންޑުން ބައިވަރެވެ.

ހަގީގަތުގައި ވެސް ސަލާހް ނުލައި ކުޅުނު މެޗުގައި ލިވަޕޫލުގައި މޮޅަށް ކުޅުނީ ޒުވާނުންނެވެ. ގޯލު ޖެހީ 125 މިލިއަން ޕައުންޑްގެ ފޯވަޑް އެލެގެޒެންޑާ އިސާކެވެ. 116 މިލިއަން ޕައުންޑްގެ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް މި މެޗުގައި ފެނުނީ ކުރިއަށްވުރެ މާ ރަނގަޅަށެވެ. ޒުވާން ކޯޑީ ގަޕޯ އާއި ސެބަސްޓިއަން ޒޮބޮސްލާއީ ވެސް އަޕް ފްރޮންޓްގައި މޮޅަށް ކުޅުނެވެ.

އިނގިރޭސި ކުރީގެ ގައުމީ ކެޕްޓަން އެލަން ޝިއަރާ މި މެޗަށް ފަހު ބުނީ ނަތީޖާ ނުނެރެވޭނަމަ ކޯޗަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭނެ ކަމަށެވެ.

"ދެން ސަލާހަށް ޖެއްސޭނެ މައްސަލައެއް ވެސް ނެތް. އޭނާ މިދިޔަ ދުވަސްތަކުގައި ރަނގަޅަށް ނުކުޅޭ. މިހެންވީމާ ހަގީގަތުގައި މި ބަދަލު އޭނާ ވެސް ބަލައިގަންނަން ޖެހޭނެ. އޭނާ ނުލައި ލިވަޕޫލް މިވަނީ ނަތީޖާ ނެރެފައި. އޭނާ ނުލައި އިސާކް މޮޅަށް ކުޅެ ލަނޑު ޖަހައިފި. މި މެޗުގައި ހަގީގަތުގައި ތަފާތު މީހަކަށް ފެނުނީ ވެސް އިސާކް،" ޝިއަރާ ބުންޏެވެ.

ސަލާހް ވަރަށް އަވަހަށް އެފްރިކާ ކަޕް ކުޅެން ވެސް ފުރާނެ އެވެ. އޭނާ ނުލައި ލިވަޕޫލުން ގިނަ މެޗުތަކެއް ވެސް ކުޅެން ޖެހޭނެ އެވެ. މިއީ އޭނާ ނުލައި ލިވަޕޫލް އައު ސޮފުހާއަކަށް އަނބުރާލެވިދާނެކަން ސާބިތުކޮށްދޭން ކްލޮޕަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. ނަމަވެސް އަބަދު އޭނާ ބެންޗުގައި ބައިންދާފައި ޓީމު ނެގުމަކީ ފަސޭހަ ބަދަލަކަށް ނުވާނެ އެވެ. 2017 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ފަހުން ސަލާހަކީ 419 މެޗު ކުޅެދީފައިވާ ކުޅުންތެރިއެކެވެ. 383 މެޗުގައި ފުރަތަމަ 11ގައި ކުޅުނެވެ. 250 ގޯލު ޖަހައިދިނެވެ. އޭނާ ހިމަނައިގެން ކުޅުނު 263 މެޗު ލިވަޕޫލް ކާމިޔާބު ކުރި އެވެ. މިހެންވެ އޭނާގެ ހުނަރާއި ގާބިލްކަމަކީ ވިސްނާ ނުލައި މުޅިން ދޫކޮށްލެވޭނެ އެއްޗަކަށް ނުވާނެ އެވެ. އަމުދުން ހުސްވި ސީޒަނަށް ފަހު ލިވަޕޫލުން އޭނާއާ އެކު ހެދި އަގުބޮޑު ކޮންޓްރެކްޓްގައި ބާކީ އަދިވެސް ދޮޅު އަހަރު އެބައޮތެވެ. މިހެންވެ ސަލާހް ނުލައި ލިވަޕޫލް ދެއްކުމަކީ ކޯޗު ސްލޮޓަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.