އެފްއޭއެމް ވިމެންސް ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް އެއްލައްކަ ރުފިޔާ ދޭގޮތަށް ހަމަޖެހިއްޖެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފަވަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ އެހީތެރިކަމާއެކު ރާއްޖޭގެ އަންހެނުންގެ ލީގުގައި ވާދަކުރާ ކޮންމެ ކުލަބަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ދޭގޮތަށް ހަމަޖެހިފައިވާކަމަށެވެ.
އެފްއޭއެމްގެ ނޫސްބަޔާނުގައި ވާގޮތުން މިފަދަ އެހީއެއް ކުލަބުތަކަށް ފޯރުކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅަ ތަރައްޤީކޮށް، ކުލަބުތަކުން ކުޅުންތެރިން އުފެއްދުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމެވެ. އަދި އޭގެ އިތުރުން އަންހެނުންގެ ލީގު ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދިއުމަށް އެހީތެރިވުމަކީވެސް މިއެހީ ކުލަބުތަކަށް ދިން މައިގަނޑު އެއް ސަބަބެވެ.
ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅަ ތަރައްޤީކުރުމަށް ފީފާއިން ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެފްއޭއެމްއިންވަނީ އެ ފެޑެރޭޝަނަަށް ޝުކުރުއަދާކޮށްފައެވެ.
ގިނަ އަހަރުތަކަކަށްފަހު ވިމެންސް ލީގު ފެށުނުއިރު މި އަހަރުގެ ލީގުގައި ހަ ޓީމެއް ވާދަކުރެއެވެ. މީގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ގަދަ ބާރުތައްވެސް ހިމެނެއެވެ. އެފްއޭއެމް ވިމެންސް ލީގުގައި ކުލަބުތައް ތަރުތީބުވިގޮތަށް ބަލާއިރު ގްރޫޕް އޭގަ ޓީސީ ސްޕޯޓްސް ކުލަބު އޮތްއިރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އޮތީ ގުރޫޕް ބީގައެވެ. އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ގުރޫޕް ޑީގަ ހިމެނޭއިރު އޮޑި ސްޕޯޓްސް ކުލަބު އޮތީ ގުރޫޕް އީގައެވެ. އަދި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ޖާގަ ލިބިފަވަނީ ގްރޫޕް އެފްއިންނެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2025 ވަނަ އަހަރުގެ އާންމު ޖަލްސާ މިއަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހު ބާއްވާފަވާއިރު، އެ އެސޯސިއޭޝަނުގެ އައު ހިންގާ ގަވާއިދު ބައްޓަންކޮށްފަވަނީ އަންހެނުންގެ ބައިވެރިވުންވެސް ހިމެނޭ ގޮތަށެވެ. އައު ހިންގާ ގަވާއިދަށް މިބަދަލުތައް ގެނައުމުގެ އެއް ބޭނުމަކީ ރާއްޖޭގައި އަންހެނުންގެ ފުޓުބޯޅަ ތަރައްޤީކޮށް ކުރިއެރުވުމެވެ.