ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ގެއްލުން ލިބިފައިވާ ގެދޮރު މަރާމާތު ކުރުމަށް 10،000 ރުޕީސް ދިނުމަށް ސްރީ ލަންކާގެ ސަރުކާރުން ނިންމައިފިއެވެ.
ސްރީ ލަންކާގެ ސަރުކާރުން ބުނީ 10،000 ރުޕީސްގެ އެހީއަކީ ގެދޮރަށް ލިބުނު ގެއްލުން މަރާމާތުކޮށް އެ ތަންތަނުގައި ދިރިއުޅެވޭނެ މަގު ފަހިކުރުމަށް ދޭން ނިންމި އެހީއެއް ކަމަށެވެ. އަދި ގެއްލުން ލިބުނު 15،000 ގެދޮރު މަރާމާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީ ލަންކާގެ ސަރުކާރުން ވަނީ ނިންމައިފައެވެ. ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ސަބަބުން 200،000 މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާގައި ވަނީ 355 މީހުން މަރުވެ 366 މީހުން ގެއްލިފައެވެ. އެ ތޫފާނުގެ އަސަރު ވަނީ 1.1 މިލިޔަން މީހުންނަށް ކޮށްފައެވެ. އަދި 200،000އެއްހާ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.