ޚަބަރު

ނޮވެންބަރ މަހު ރާއްޖެއަށް 195،000 އަށްވުރެ ގިނަ ފަތުރުވެރިން


  • މިއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހާއި އަޅާބަލާއިރު %12.8 އިތުރުވުމެއް

  • މިއަހަރުގެ އޮކްޓޫބަރުމަހާ އަޅާ ބަލާއިރު %2.4 އިތުރުވުމެއް

ނޮވެންބަރ މަހު ރާއްޖެއަށް 195،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިއަހަރުގެ އިކްޓޫބަރުމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ %2.4 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެންބަރ މަހު ރާއްޖެއަށް 195،127 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ނޮވެންބަރ މަހާއި އަޅާބަލާއިރު %12 އިތުރު އަދަދެކެވެ. އަދި މިއީ މިއަހަރުގެ އޮކްޓޫބަރުމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 190,445 ފަތުރުވެރިންނާއަޅާ ބަލާއިރު %2.4 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެންބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 2،022،061 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ނޮވެންބަރ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1،837،635 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު:

* ޗައިނާ: 312،478 ފަތުރުވެރިން
* ރަޝިއާ: 253،834 ފަތުރުވެރިން
* އިނގިރޭސިވިލާތް: 181،300 ފަތުރުވެރިން
* ޖަރުމަނުވިލާތް: 152،739 ފަތުރުވެރިން
* އިޓަލީވިލާތް: 132،004 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1306 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ 66571 އަށް އަރައެވެ.