ޚަބަރު

ވޯލްޑް ކަޕްގައި ވާދަކުރާ ޤައުމީ ކެރަމް ޓީމަށް ޖާޒީ ހަވާލުކޮށްފި


  • ކެރަމް ވޯލްޑްކަޕް ފަށާނީ 5ޑިސެމްބަރުގައި

  • ވީހާވެސް ގިނަ ބަޔަކު ޓީމަށް ސަޕޯޓު ކުރުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެއް

ޑިސެމްބަރު 5 ގައި ރާއްޖޭގައި ފަށާ 7 ވަނަ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކެރަމް ޓީމަށް ޖާޒީ ހަވާލުކޮށްފިއެވެ.

ޤައުމީ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އަންހެން ޓީމު ކުޅުންތެރިންނާއި، ފިރިހެން ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވަޒީރު ޢަބުދުﷲ ރާފިއުއެވެ.

މި ރަސްމިއްޔާތުގައި ޖާޒީ ހަވާލުކޮށްދެއްވުމަށްފަހު ވަޒީރު ވަނީ ކެރަމް ވޯލްޑް ކަޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުންވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް އެދިވަޑައިގެން ކުޅުންތެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެން ހިތްވަރު ދެއްވައިފައެވެ.

21 ގައުމުން ވާދަކުރާ ކެރަމް ވޯލްޑް ކަޕްގެ މެޗުތައް އޮންނާނީ ބާސެލޯ ނަސަންދުރާގައެވެ. 7 ވަނަ ކެރަމް ވޯލްޑްކަޕަށް ޤައުމީ ޓީމު އެކުލަވައިލައިފައިވަނީ އެކި ފަހަރު މަތިން ރާއްޖޭގެ ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވާ އަދި ވޯލްޑް ކަޕްގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ގޮތަށެވެ.

އިންޑިއާގެ ތަރުރިބާކާރު ޓްރައިނަރެއްގެ އެހީގައި 45 ދުވަހުގެ ޕްރެކްޓިސް ބޭއްވުމަށްފަހު ރާއްޖޭގެ ޤައުމީ ޓީމުން މި މުބާރާތަށް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ރަން މެޑަލް ހޯދުމުގެ އަމާޒުގައި މި މުބާރާތަށް ނިކުންނަ ރާއްޖޭގެ ޤައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އާމިނަތު ވިދާދު، ޢާއިޝަތު ނަފްހާ، ޢާއިޝަތު ފައިނާޒާއި، ފާތިމަތު ރަޔާނާއެވެ.

ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އިސްމާޢީލް އަޒްމީން، އިބްރާހީމް ހުޖާން، ޙަސަން ނާޒިމް، މުޙައްމަދު މުންތަސިރާއި، އާދަމް އަދީލްއެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ރާއްޖެއިން ވަނީ ލޯ މެޑަލް ހޯދައިފައެވެ. އަންހެން އަދި ފިރިހެން ޓީމުން ހަވަނަ ވޯލްޑް ކަޕްގެ 3 ވަނަ ހޯދި އިރު މިދިޔަ އަހަރަކީ ފިރިހެން ޤައުމީ ޓީމަށް، ޓީމު އިވެންޓުން ވޯލްޑް ކަޕްގައި މެޑަލް ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ.
ސިންގަޕޫރު ބަލިކޮށް ރާއްޖޭގެ ފިރިހެން ޓީމުން ލޯ މެޑަލް ހާސިލްކުރިއެވެ. އެ މުބާރާތުގައި އަންހެން ޓީމުން 3 ވަނަ ހޯދީ އެމެރިކާ ބަލިކޮށްގެންނެވެ.

ރާއްޖެއިން ކެރަމް ވޯލްޑްކަޕް މިއަހަރު މި ހޯސްޓު ކުރަނީ 11 އަހަރަށްފަހުއެވެ. ރާއްޖޭގައި އެންމެ ފަހުން ވޯލްޑްކަޕް ބޭއްވި 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓުގައެވެ.