މޯލްޑިވްސްޕޮލިސް ސަރވިސްއިން ތަޙްޤީޤް ކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ގ. ކެނެރީގޭ މުޙައްމަދު ނަޝީދު އާއި، ޏ.ފުވައްމުލައް، ދޫޑިގަން، އީސްޓުލައިޓް، ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އާއި، ކ.މާލެ، އެވަރލާސްޓް، އަކްރަމް ކަމާލުއްދީން ހައްޔަރުކުރައްވައިގެން ރާއްޖެ ގެންނެވުމުގެ އަމުރު ކްރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސްސަރވިސް އަށް ދެއްވާފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
މި 3 ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް، ގ. ކެނެރީގެ މުޙައްމަދު ނަޝީދު ހައްޔަރުކުރެއްވުމުގެ އަމުރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯއްދަވާފައިވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ، 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަޙްޤީޤަށާއި، 13 އަހަރުގެ ޖަލުޙުކުމެއް ތަންފީޒް ކުރައްވަމުން ދަނިކޮށް ބޭސްފަރުވާ އަށްކަމަށް ވިދާޅުވެ ރާއްޖެއިންބޭރަށް ވަޑައިގެން، ޙުކުމް ތަންފީޒް ކުރެއްވުމާ ދެކޮޅު ހައްދަވައި، އަމިއްލަ ކަންކަމުގައި ދުވަސްތައް ހޭދަކުރައްވާ، ޖަލުހުކުމް ތަންފީޒް ކުރެއްވުމަށް ފިއްލަވައިގެން އުޅުއްވާތީ، ހައްޔަރު ކޮށްގެންވެސް ހާޒިރުކޮށްދެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މޯލްޑިވްސް ޕޮލިސްސާވިސްގައި އެދިފައި ވާތީކަމަށް ފުލުހުން ނެރުއްވި ނޫސް ބަޔާނުގައިވެއެވެ.
މި 3 ބޭފުޅުންގެ ތެރެއިން ކުރީގެ ނައިބް ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދުއާއި، އަކްރަމް ކަމާލުއްދީން ހައްޔަރުކުރައްވަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޯޓު އަމުރު ހޯއްދަވާފައިވަނީ އެ 2 ބޭފުޅުން ތަޙްޤީޤަށް ހާޟިރު ކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސައްކަތްކުރެއްވި ނަމަވެސް ރާއްޖެއިން ބޭރުގައި ތިއްބެވުމުގެ ސަބަބުން ޗިޓް ހަވާލުކުރެވިފައިނުވުމުގެ އިތުރުން ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ޖަވާބުދާރީވެ ދިފާޢުގައި ވާހަކަދެއްކެވުމަށް 2016 އޮގަސްޓް 4ވަނަ ދުވަހުން ފެށިގެން ދިން 14 ދުވަހުގެ މުއްދަތުގައި މޯލްޑިވްސް ޕޮލިސްސަރވިސްއަށް އެ 2 ބޭފުޅުންކުރެ އެއްވެސް ބޭފުޅަކު ހާޒިރުވެފައި ނުވާތީ އާއި ހާޒިރު ނުވެވޭ ސަބަބެއްވެސް އަންގަވާފައި ނުވާތީ ތަޙްޤީޤު ފުރިހަމަ ކުރެއްވުމަށް ކަމަށް ފުލުހުން ހާމަކުރައްވައެވެ.