ތިމާވެށި

ޖޭ.ސީ.އެމް އަށް ހޭލުންތެރިކުރުވުމަށް ވޯކްޝޮޕެއް ބާއްވައިފި


ޖައްވަށް ދޫކުރެވޭ ވިހަގޭސް މަދުކުރުމަށް ބޭނުން ކުރެވެމުން އަންނަ ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމް - ޖޭ.ސީ.އެމް ރާއްޖޭގައި ތަޢާރަފު ކުރުމަށް މިކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް މާލެގައި ފައްޓަވައިފިއެވެ. މިއީ ޓެކްނިކަލް ސަޕޯޓް ފެސިލިޓީ އާއި ކާރބަން މާރކެޓް ޕްރޮގްރާމް އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން އިންތިޒާމްކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ގުޅިވަޑައިގެން ކުރިއަށްގެންދަވާ މަަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުން ފައްޓަވައިދެއްވީ އޭޝިއަން ޑީވެލޮޕްމަންޓް ބޭންކުގެ ސީނިއަރ ކްލައިމެޓް ޗޭންޖް ސްޕެޝަލިސްޓް ވިރަންޑަރ ކޭ ޑުގަލްއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަންމަންޓް އެންޑް އެނަރޖީ ޢަބުދު ﷲ މަޖީދުއެވެ.

ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމް މި ނިޒާމަކީ، ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ބޭނުން ކުރެވެމުން އަންނަ ނިޒާމްތަކުގެ ތެރެއިން ޖަޕާނުގެ ފަރާތުން އިސްނަގައިގެން ކުރިޔަށް ގެންދާ ނިޒާމެއކެވެ. މި ނިޒާމްގެ ތެރެއިން ޖަޕާން ސަރުކާރުގެ ތާއިދާއެކު، އެ ޤައުމުގެ ކުންފުނިތަކުން މިހާރުވެސް ގެންދަނީ ކާމިޔާބުކަމާއިއެކު ބައެއް ޤައުމުތަކުގައި އިޔާދަކުރަނިވި ހަކަތައާއި ގުޅުންހުރި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން މި ނިޒާމްގެ ދަށުން، ތެލަށްވުރެ އަގުހެޔޮ ފަސޭހައިން ލިބެން ހުންނަ އިޔާދަކުރަނިވި ވަސީލަތްތައް ހެޔޮއަގުގައި ފަސޭހައިން ރާއްޖެގައި ބޭނުންކުރުމަށް މަގުފަހި ކުރުމަށްޓަކައި ހޭލުންތެރިކަން އިތުރު ކުރެއްވުމަށް މިއަދު ވަނީ މަސައްކަތު ބައްދަލުވުމެއް ފައްޓަވާފައެވެ.

މި ބައްދަލުވުން އިފްތިތާޙު ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަންމަންޓް އެންޑް އެނަރޖީ އަބުދު ﷲ މަޖީދު ވިދާޅުވީ މި ސްކީމްގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫތައް ހިންގުމަށް ފީސިބިލިޓީ ސްޓަޑީޒް ހެދުމަށާއި މިދާއިރާގެ މަޝްރޫއުތައް ހިންގުމަށް އެހީ ލިބުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

"މިކަމުން ބޮޑަށް ކްރެޑިޓް ލިބޭނީ ބޮޑަށް އިންވެސްޓް ކުރާ ޤައުމަކަމަށް، އެހެންނަމަވެސް އެ ބަލާގައިންނަށް ޤައުމަކަށްވެސް އޭގަ ކްރެޑިޓް ލިބޭގޮތަށް އޮންނަ ކަމެއް. ދެން މީގެ އިތުރުން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަަކީ މީހުން ތަމްރީނު ކުރުން ޓެކްނޮލޮޖީ އާއި އެކަހަލަ ކަންތައް. މިއީ ހަމައެކަނި ސަރުކާރަށް އޮންނަކަމެއް ނޫން. ހަމަ ޕާޓްނާރޝިޕް ހަދައިގެން ކުންފުނިތަކުން ވެސް ކުރިޔަށް ގެންދެވިދާނެ." ޢަބުދު ﷲ މަޖީދު ވިދާޅުވިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދަވާ މިބައްދަލުވުމުގައި މި ނިޒާމަށް ހޭލުންތެރި ކުރުވުމުގެ އިތުރުން ޖަޕާނުގެ ކުންފުނިތަކާއި ގުޅިގެން ރާއްޖޭގައި ހިންގިދާނެ މަޝްރޫއުތަކާއި ބެހޭގޮތުން މަޢުލޫމަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވޭ މަޝްރޫއުތަކުން ލިބޭ ކާބަން ކްރެޑިޓް ލިބޭނީ ޖަޕާން ސަރުކާރަށް ކަމަށާއި ނަމަވެސް ރާއްޖެއަށް ލިބޭނެ ފައިދާއަކީ ކާބަން މަދުކުރުމަށް ބޭނުންކުރެވޭ ވަސީލަތްތައް ތައާރަފުކުރެވި، ތެޔޮ ބޭނުންކުރެވޭނެ މިންވަރު މަދުކުރުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.