އާމިން އުމަރު މޫސާ އަކީ ރާއްޖޭގެ ގައުމީ ބޮޑީ ބޮޑީ ލީގު 2025 ގެ ޗެމްޕިއަނެވެ. ގިނަ ދުވަސްތަކެއް ވަންދެން އަލީ ހުޝްރުވާން އަހުމަދު ދަމަހައްޓަމުން އައި "ޗެމްޕިއަން ޓައިޓްލް" އާމިން މިއަހަރު އުފުލާލީ ލީގުގައި ވާދަކުރި ތިން މުބާރާތުން އެއްކުރި ޕޮއިންޓްތަކާއެކު އެންމެ މަތިން ސްކޯ ކޮށްގެންނެވެ.
އާމިން ލީގު ޗެމްޕިއަންކަން ހޯދީ 2000 ޕޮއިންޓް ހޯދައިގެންނެވެ. އޭނާއާއި އެންމެ ކައިރިން ވާދަކުރީ ކުރި ކުރީގެ ލީގު ޗެމްޕިއަން، އަލީ ހުޝްރުވާނަށް ލިބުނީ 1720 ޕޮއިންޓެވެ. ރޭންކިންގެ ތިންވަނައިގައި 1340 ޕޮއިންޓާއެކު އޮތީ ކުރީ އަހަރުތަކުގައި ލީގުތަކުން ގިނަ ކާމިޔާބީތަކެއް ހޯދި ލ. ގަމުގެ އަލީ ޖާވިދު (ޖާއްޓޭ) އެވެ.
ލީގު ޗެމްޕިއަންކަންކަން ހޯދުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އާމިން ބުނީ ޗެމްޕިއަންކަން ލިބުމަށްވުރެ ބޮޑަށް އަބަދުވެސް އުފާ ކުރާކަމަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް އެތުލީޓު، ކުޑަ އައްޔަ އާއި އެކު ފައިނަލެއްގައި ވާދަކޮށްލަން ލިބުންކަމަށެވެ.
އަދި މިއަހަރުގެ ގައުމީ މުބާރާތާއި، ބުރުނު ޝިކާރާއި، ބަނޑުފިލާ ޗެލެންޖުގައިވެސް އެންމެ ބޮޑު އުފަލަކަށް އާމިން ދެކުނީ ދާއިރާގެ ތަޖުރިބާކާރު އަދި އާމިންގެ ކުރިއެރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސީނިއާ އެތުލީޓުންނާއެކު އެއް ހީޓުތަކެއްގައި ވާދަކޮށްލަން ލިބުމެވެ.
އާމިން ބުނީ ނެޝަނަލް ބަނޑުފިލާ ޗެލެންޖަސް އޭނާ ޖެހި ހިސާބުތަކުންވެސް ލީގު ޗެމްޕިއަންކަން ކަށަވރުވާނެ ކަމުގެ ވަަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ. މެންސް އޯޕަން ކެޓަގަރީގެ ތިންވަނަ އެމުބާރާތުން ލިބުނު ނަމަވެސް އަހަރުގެ ކުރީ ދެ މުބާރާތުން ހޯދި ޕޮއިންޓާއެކު އަޝްރަފް އަދި ކުޑަ އައްޔަ ފަދަ ސީނިއާ ބޮޑީބޯޑަރުން ކަޓުވާލުމަށްފަހު އާމިންނަށް ޗެމްޕިއަންކަން ލިބުމަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.
ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައިވެސް ހިމެނޭ އާމިންގެ މިސްރާބު މިހާރު ހުރީ ބައިނަލްއަގްވާމީ މުބާރާތްތަކަށެވެ. ހަގު އުމުރެއްގައި އަރަމުން އަންނަ މި އެތުލީތުގެ އަމާޒަކީ އިންޓަޝަނޭޝަނަލް ބޮޑީބޯޑިން ފެޑެރޭޝަން، އައިބީސީގެ ވޯލްޑް ޓުއާރ ގައި އަނެއްކާވެސް ބައިވެރިވެ ރާއްޖެއަށް ރީތި ނަން ހޯދައިދިނުމެވެ.
ސަރަހައްދީ މުބާރާތްތަކުންވެސް ފުރުސަތު ހޯދާ ރާއްޖެއަށް ބޮޑީ ބޯޑިންގައި މީގެ ކުރިން ނުލިބޭ ވަރުގެ ކާމިޔާބީތައް ހޯދައިދިނުމުގެ އުންމީދު އާމިންވެސް ކުރެއެވެ. ދުނިޔޭގެ އެންމެ ނަގާކިޔާ ބޮޑީ ބޯޑަރުންނާއެކު އެއް މުބާރާތެއްގައި ވާދަކޮށްލަން އާމިންއަށް ފުރަތަމަ ލިބުނީ 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މޯލްޑިވްސް ޕްރޯގައެވެ.
އެ މުބާރާތުގެ ކާމިޔާބީއަށްފަހު ވޯލްޑް ރޭންކިންގައި ހިމެނުމުގެ ފުރުސަތު އާމިންއަށް ލިބުމަކީ ރޭންކިންގައި މައްޗަށް ޖެހިލަން އޭނާއަށް ލިބުނު ބޮޑު އުންމީދެކެވެ. އެހެންނަމަވެސް މިއަހަރު ކަންތައް ދިމާވިގޮތުންނާއި އެސޯސިއޭޝަނަށް ދިމާވި މާލީ ދަތިތަކާއެކު މޯލްޑިވްސް ޕްރޯ ނުބޭއްވި ދިޔަނަމަވެސް އާމިން ބުނީ އަންނަ އަހަރު ރާއްޖޭގައި އެ މުބާރާތް އޮންނާނެ ކަމުގެ އުންމީދު އެހެން އެތުލީޓުންނެކޭ އެއްގޮތަށް އޭނާވެސް ކުރާ ކަމަށެވެ. އަދި އެއްފަހަރު ނަމަވެސް އައިބީސީގެ މުބާރާތެއްގައި ވާދަކޮށްލަން ބޭނުންވާ ކަމަށާއި، އެ މުބާރާތަކީ ބައިނަލްއަގްވާމީ ބޮޑީ ބޯޑަރުންގެ ކިބައިން ގިނަ ކަންތައްތަކެއް ރާއްޖޭގެ އެތުލީޓުންނަށް ދަސްވާ މުބާރާތެއް ކަމަށް އާމިން ފާހަގަ ކުރިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅާ ބައިނަލްއަގްވާމީ ފެންވަރުގެ ސާފިން އެރީނާއާއި އެކު އާމިންވެސް އުންމީދު ކުރަނީ އޭނާގެ ކެރިއަރުގައި އިތުރު ކާމިޔާބީ ހޯދުމަށް ސަރަހައްދީ މުބާރާތްތަކާއި އައިބީގެ މުބާރާތްތަކުގައި އަމިއްލަ ގައުމުގައިވެސް ވާދަކޮށްލެވޭނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ބޭރުގައުމުތަކުގައި އޮންނަ މުބާރާތްތަކުންވެސް ފުރުސަތު ލިބި ދުނިޔޭގެ ރޭންކިންގައި މިހާރު އޮތް ހިސާބަށްވުރެ ކުރިއަށް ޖައްސާލެވޭނެ ކަމަށެވެ.