ކުޅިވަރު

ފްލޭނާ އެއްގޮތަށް ކަންކަން ނިމޭނަމަ ހުރިހާ ގައުމަކުން ސާފް ގޭމްސްގައި ބައިވެރިވާނެ: ޕާކިސްތާން


ހުރިހާ ކަމެއް ޕްލޭންކޮށްފައިވާ ގޮތަށް ރަނގަޅަށް ކުރިއަށް ގޮސްފިނަމަ ސާކުގެ ހުރިހާ ގައުމަކުން ވެސް އަންނަ އަހަރު ޕާކިސްތާނުގައި ބާއްވާ ސާފް ގޭމްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާނެ ކަމަށް އެ ގައުމުން ބުނެފިއެވެ.

ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލާއި ޕާކިސްތާނުގެ އޮލިމްޕިކް ކޮމިޓީން ނެރުނު ގުޅިފައިވާ ބަޔާނުގައިވަނީ މިދޔަ މަހު ޕާކިސްތާނު ލޯކަލް އޮގަޒައިން ކޮމިޓީއާއެކު ބޭއްވި ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމަށެވެ.

ނަމަވެސް މިހާރު ވެސް އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ އިންޑިޔާގެ އެތްލީޓުން ޕާކިސްތާނަށް ދާނެތޯ އެވެ. އިންޑިޔާ އާއި ޕާކިސްތާނުގެ ސިޔާސީ މަސްރަހު ގޯސްވެ މިހާރު ނިންމާފައިވަނީ ޕާކިސްތާނަށް އިންޑިޔާގެ އެތްލީޓުން ނުފޮނުވުމަށެވެ. އަދި އިންޑިޔާގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ޕާކިސްތާނުގެ އެތްލީޓުންނަށް ބައިވެރިވެވެނީ ވެސް ހަރުކަށި ގަވާއިދުތަކެއްގެ ތެރެއިން ވަރަށް ބޮޑަށް މޮނިޓަރ ކުރެވިގެންނެވެ.

ނަމަވެސް އޮލިމްޕިކް ކޮމިޓީން ބުނީ ހުރިހާ ކަމެއް ރަނޅަށް ގޮސްފިނަމަ އިންޑިޔާ އާއި ބަނގްލަދޭޝް އަދި ނޭޕާލާއި ބޫޓާނާއި ސްރީލަންކާ އާއި ދިވެހިރާއްޖޭގެ އެތްލީޓުން ވެސް ޕާކިސްތާނާއެކު ގޭމްސްގައި ވާދަކުރާނެ ކަމަށެވެ.

ޕާކިސްތާން ސަރުކާރުން މިހާރު ވަނީ އެ ގައުމުން މި ގޭމްސް އަށް ވަމުންދާ ތައްޔާރީތަކުގެ ފަހު މަރުހަލާގެ ކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއް ވެސް އައްޔަންކޮށްފަ އެވެ. މި ކޮމިޓީގެ އިސް ވެރިއަކީ ބޮޑުވަޒީރުގެ ނައިބް އިސްހާގު ދާރެވެ.

ސާފް ގޭމްސް އެންމެ ފުރަތަމަ ޕާކިސްތާނުގައި ބާއްވަން އުޅުނީ 2021 ވަނަ އަހަރު އެވެ. އެ ފަހަރު ގޭމްސް ނުބޭއްވީ ކޮވިޑް 19ގެ ޕެންޑަމިކާ ގުޅިގެންނެވެ. އެގެ ފަހުން މިދިޔަ އަހަރު ބާއްވަން އުޅުނު ގޭމްސް ތަފާތު ސަބަބުތަކާހުރެ އަންނަ އަހަރު ކުރީކޮޅަށް މިހާރު ވަނީ ފަސްވެފަ އެވެ. މިހާރު ވެސް އެންމެ ބޮޑު ސުވާލަކީ ގޭމްސްއާމެދު އިންޑިޔާއިން ނިންމާނެ ގޮތެކެވެ.