ވިޔަފާރި

ޕެންޝަން ފަންޑުން ގެދޮރު ގަތުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި


ރިޓަޔަރމަންޓް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ގެދޮރު ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެޗްޑީއެފްސީ އާއި ޕެންޝަން އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. 

ރިޓަޔަރމަންޓް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ގެދޮރުގަނެވޭ ސްކީމާ ގުޅޭގޮތުން މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ މި ސްކީމްގެ ސަބަބުން ޕެންޝަން ސްކީމްގެ މެންބަރުންނަށް ގެދޮރު ގަތުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ގެދޮރު ގަތުމަށް ފައިސާ ރަހުނުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އެޗްޑީއެފްސީގެ އިތުރުން މިމަހު ނުވަވަނަ ދުވަހު ބެންކް އޮފް މޯލްޑިވްސްއާއެކުވެސް ޕެންޝަން އޮފީހުން ވަނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެހެންކަމުން މިހާރު ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ރަހުނުކޮށްގެން ގެދޮރު ގަތުމަށް ބޭނުންވާ ލޯނުގެ ޑައުންޕޭމެންޓް ދެއްކޭނެ އިންތިޒާމް މިދެ މުއައްސަސާ މެދުވެރިކުރައްވައި ހަމަޖެހިފައިވާ ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު މުއައްސަސާތަކާ އެކުވެސް މިފަދަ އެއްބަސްވުންތައް އެއްބަސްވެވޭނެ ކަމަށް ފެންޝަން އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.