ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިޔަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމަށް ދެންވެސް އޮތީ ފަސޭހަ މެޗެއް ނޫން ކަމަށާއި، އެހެންނަމަވެސް ރަނގަޅު ފައިޓެއްދޭނެ ކަމަށް ހޭންޑްބޯޅަ ފިރިހެން ޓީމުގެ ކޯޗު ޙަސަން ފަހީމް ބުނެފިއެވެ.
ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމު ދެން ކުޅޭނީ ގަތަރާ ދެކޮޅަށެވެ. ކުރިޔަށް އޮތް މެޗާ ގުޅޭ ގޮތުން ފަހީމް ބުނީ، ގަތަރަކީ ގުރޫޕުގައިވެސް އެންމެ ރަނގަޅު އެއް ޓީމުކަމަށެވެ. ގަތަރުން ޔޫއޭއީ އާއި އީރާނާ ދެކޮޅަށް ކުޅުނު މެޗުވެސް ވަނީ، ބޮޑު ތަފާތަކުން މޮޅުވެފައި ކަމަށާއި، އެހެންކަމުން ގަތަރާއި ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗަކަށްވާނެ ކަމަށް ކޯޗު ބުންޏެވެ. އެކަމަކުވެސް އިރާދުކުރެއްވިއްޔާ މަސައްކަތް ކުރާނީ ވަރަށް ރަނގަޅު ފައިޓެއްދޭން ކަމަށް ފަހީމު ބުންޏެވެ.
ރާއްޖެއިން އެންމެ ފަހުން ކުޅުނީ އީރާނާއި ދެކޮޅަށެވެ. އީރާނުން މެޗު ކާމިޔާބުކޮށްފައިވަނީ 57-14 ގެ ނަތީޖާއަކުންނެވެ. ފަހީމް ބުނީ ފުރަތަމަ މެޗާއި އަޅާކިޔާއިރު އީރާނު މެޗުގައި ރާއްޖޭގެ ފެށުންވެސް ރަނގަޅު ކަމަށެވެ. އަދި ފުރަތަމަ މެޗަށް ރަނގަޅަށް ވޯމްއަޕް ކޮށްލާނެ ވަގުތުވެސް ނުލިބުނު ކަމަށާއި، އެހެންނަމަވެސް އީރާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ރަނގަޅަށް ވޯމްއަޕް ވެސް ކުރެވުނު ކަމަށް ފަހީމް ފާހަގަކުރިއެވެ.
އަދި އެ މެޗަކީ ވަރަށް އިންޓެންސިޓީ މަތި މެޗެއް ކަމަށާއި، މިވަރުގެ އިންޓެންސިޓީ މަތި މެޗެއްގައި އެންމެ ތަންކޮޅެއްވެސް ދޫނުކޮށް ދިވެހި ޓީމު ކުޅުނުތަން ފެނިގެންދިޔަ ކަމަށް ފަހީމް ބުންޏެވެ. އެހެންނަމަވެސް ނިންމަން ލިބުނު ބައެއް އެއްޗެހި ނުނިންމި ދިޔަކަން ކޯޗު ފާހަގަކުރިއެވެ. ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ ގަތަރާއި ދެކޮޅަށެވެ.