ޚަބަރު

ޔޫޕީއާރް: ތަންފީޒުކުރާނީ ޤާނޫނުތަކާއި، ދީނާއި ތަޢާރަޒް ނުވާ ކަންކަން


  • 104 ޤައުމަކުން އިލްތިމާސްތައް ހުށަހަޅާފައިވޭ

  • ތަންފީޒުކުރާ ކަންކަން ހުށަހަޅާނީ، ދެން އޮންނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަނަށް

ރާއްޖޭގެ ޔުނިވާސަލް ޕީރިއޯޑިކް ރިވިއުގެ 4 ވަނަ ބުރުގައި ޤައުމުތަކުން ރާއްޖެއަށް ދީފައިވާ ޢިލްތިމާސްތައް ތަންފީޒުކުރާނީ، ޤާނޫނޫތަކާއި އިސްލާމް ދީނުގެ އަސްލަކާއި ތަޢާރަޒް ނުވާ ގޮތަށް ބަލައިގެން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ޔުނިވާސަލް ޕީރިއޯޑިކް ރިވިއުގެ ހަތަރުވަނަ ބުރުގެ ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓް މިމަހުގެ 14 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

ޔޫޕީއާރް ވަރކިންގ ގްރޫޕުގެ ރިޕޯޓުގައި، ރާއްޖޭގެ ރިވިއު ސެޝަންގައި ބައިވެރިވި 104 ޤައުމަކުން، ކުރިއަށް އޮތް ޔޫޕީއާރް ސައިކަލްގައި ރާއްޖެއިން ތަންފީޛުކުރުމަށް ހުށަހަޅާފައިވާ 284 އިލްތިމާސެއް ހިމަނާފައިވެއެވެ. މި ޢިލްތިމާސްތަކުގެ ތެރޭގައި ހިމެނެނީ، އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށް އަންހެނުންނާއި، ކުޑަކުދިންނާއި، މުޖުތަމަޢުގެ އަޅާލުން ބޭނުންވާ ފަރާތްތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރުމާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަ ކުރުމަށާއި، ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި އެންމެންގެ ބައިވެރިވުން ޔަޤީންކުރުމަށް މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބު އޮފީހުން ވިދާޅުވިއެވެ.

މި ޢިލްތިމާސްތަކުގެ ތެރެއިން ދިވެހިރާއްޖެއިން ތަންފީޛު ކުރަން ޖެހޭނީ، ރާއްޖެއިން ޤަބޫލުކުރާ ކަންކަން ކަމަށްވާތީ، ޤައުމުތަކުން ހުށަހަޅާފައިވާ ޢިލްތިމާސްތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން އަންގައި، ހިއުމަން ރައިޓްސް ކައުންސިލްގެ ދެން އޮންނަ ސެޝަންގައި ރާއްޖެއިން ޖަވާބުދާރީވާނެ ކަމަށް ބަންޑާރަ ނައިބު އޮފީހުން ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖެއިން މި ޢިލްތިމާސްތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ނޭޝަނަލް މެކޭނިޒަމް ފޮރ އިޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕްގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކަށާއި، އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތް ކުރާނެ ކަމަށެވެ.

ޔޫޕީއާރުގެ ހަތަރުވަނަ ބުރުުގައި ރާއްޖޭގެ ރިވިއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގައި، ނޭޝަނަލް މެކޭނިޒަމް ފޮރ އިޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕް ކޮމިޓީއާއި، ދައުލަތުގެ މުއައްސަސާތަކުން ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުމަށް ބަންޑާރަ ނައިބު އޮފީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.