އެއަރ އެމްބިއުލާންސް ޚިދުމަތް މެދުވެރިކޮށް ތައިލޭންޑް އަދި ދުބާޢީއަށް ދިވެހިން ފޮނުވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ
ވަޒީރު މިހެން ވިދާޅުވީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދެ ޤައުމަކަށް ފުޅާކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ޞިއްޙީ ވުޒާރާގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ތިން ފަރާތަކުން ވަނީ ސޮއިކޮށްފައެވެ. އެވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރުގެ ނައިބު އަޙްމަދު ހަމްދާން ނަސީރުއެވެ. އައިލޭންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. އެއްބަސްވުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ސޮއިކޮށްފައިވާއިރު، އެ އިދާރާގެ ފަރާތުން ސޮއިކުރެއްވީ ސިއީއޯ ހީނާ ވަލީދުއެވެ.
މި އެއްބަސްވުމުގެ ދަށުން ތައިލޭންޑް އަދި ދުބާޢީއަށް ބޭސްފަރުވާ ހޯދުމަށް ފޮނުވަން ޖެހޭ ހާލަތެއްގައި ދިވެހިންނަށް އެއަރ އެމްބިއުލާންސްގެ ޙިދުމަތް ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. މި ޚިދުމަތް ދިނުމުގައި ކަމާއި ބެހޭ ފަރާތްތަކުން އެފަދަ ހާލަތެއް އޮތްތޯ ބަލައި ޔަޤީން ކުރާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވަނީ ރާއްޖެއިން ބޭރަށް އެއަރ އެމްބިއުުލާންސްގެ ޚިދުމަތް ފުޅާކުރުމާއެކު، މިހާރު މި ޚިދުމަތުގެ ތެރެއިން ބޭރު ޤައުމަކަށް ގޮސް ފަރުވާ ހޯދުމަށް ހުރަހެއް ނެތްކަން ފާހގަކުރައްވާފައެވެ.
"އެ ހާލަތައް ރިއާޔަތްކޮށް ބޭރުގެ ޤައުމުތަކަށް ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި އެގްރިމެންޓުގެ ތެރެއިން ޤާނޫނީ ހުރަހެއް ނެތި އެކަން ހައްލުވެގެންދާނެ. އެހެންވީމަ މިހާރު ތައްޔާރުވުމާއެކު އެއްވެސް ދަށްޗެއް އަދި ހުރަހެއް އެންސްޕާ ނިޒާމުގެ ތެރޭގައި ނޯންނާނެ. އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. " ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މި ޚިދުމަތް ފެށިގެން ދިއުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިންހަމަޖެހުމެއްކަމަށާއި، މިފަދަ ހާލަތަކަށް ތައްޔާރުވެފައި އޮތުމަކީ މުހިންމު ކަމެއްކަމަށެވެ.
"އަޅުގަނޑުމެންނަށް އެފަދަ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ މިކަން ކުރެވޭނެ މަގު ތަނަވަސް ވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް. ހާއްސަކޮށް ދަތުރުފަތުރަކީ ވަރަށް އުނދަގޫކަމަކަށް ވެފައި އޮތް އިރު، މި އެއްބަސްވުމުގެ ދަށުން ދުނިޔޭގައި މި ޚިދުމަތް ދިނުމަށް އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކުރާ އުޅަނދުތައް މެދުވެރިކޮށް ޚިދުމަތް ދިނުމަށް ތައްޔާރުވެފައި އޮންނާނެ" ވަޒީރު އަމީން ވިދާޅުވިއެވެ.
އައިލެންޑް އެވިއޭޝަނުން ވިދާޅުވީ މި ޚިދުމަތް ފޯރުކޮށްދޭނީ މިފަދަ ޚިދުމަތެއް ދިނުމަށް، ބޭނުންވާ ހުރިހާ ވަސީލަތްތައް ހުރި އުޅަނދުތަކުގައި ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އަދި އެފަދަ ޚިދުމަތެއް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ދޭ ޚިދުމަތެއް ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.
ސިއްޙީ ކުއްލި ޙާލަތްތަކުގައި ދެވޭ އަވަސް ފަރުވާގެ ނިޒާމު ރާއްޖޭގައި ހަރުދާކުރުމަށް އަދުގެ ސަރުކާރުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދުވަހުއެވެ. އެކަމަށް ޚާއްސަކޮށްފައިވާ ޑޭޝް-8 މަރުކާރުގެ މަތިންދާބޯޓެއް ބޭނުންކޮށްގެން އެޚިދުމަތް ފެށީނަމަވެސް ސީޕްލޭންއެއްވެސް އެޚިދުމަތުގައި މިހާރުދަނީ ބޭނުންކޔުރަމުންނެވެ.