ދުޅަހެޔޮ ސިއްޙަތެއްގައި ޒުވާނުން ބޭތިއްބުމަށް ކުޅިވަރަށް އަހުލުވެރިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކުޅިވަރާއި ހަށިހެޔޮ ކަމާއިބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އދ. މަންދޫގައި ސަރުކާރުން ތަރައްޤީކުރި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުޅުއްވާ ދެއްވި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ފީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ކުޅިވަރު ވަޒީރު ވިދާޅުވީ، މަންދޫއަށް ރައީސް ކުރެއްވި ޒިޔާރަތެއްގައި ޒުވާނުން ރައީސްއާއި ބައްދަލުކުރައްވާ އެދުނު އެދުމަކާއި ގުޅިގެން ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ދަނޑު ނިންމަވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި ރައީސް ވިދާޅުވި ގޮތަށް ޒުވާނުން ބޭނުންވި ކަންތައްތައް ފުއްދަވާދެއްވާފައިވާއިރު، މިއީ ސަރުކާރުގެ އިދާރާތަކުގެ ގުޅުން ރަނގަޅުކަން ފެނިގެން ދިޔަ ކަމެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރައީސް ވިދާޅުވި މުއްދަތަށް މި ދަނޑުގެ މަސައްކަތް ނިމި ދަނޑު ހުޅުވިގެން ދިއުމާއި ޒުވާނުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މަންދުއަށް ކުރެއްވި މި ޒިޔާރަތަކީ، ޒުވާނުންނަށް ރައީސް ކޮށްދެއްވި ކަމެއް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ހަށިހެޔޮ ދުޅަހެޔޮ ސިއްޙަތެއްގައި ޒުވާނުން ބޭތިއްބުމަށް ކުޅިވަރަށް އަހުލުވެރިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ހަރަކާތްތެރި މުޖުތަމަޢުތަކެއް އުފެއްދިއްޖެނަމަ ރާއްޖޭގައި ދިމާވާ ވަރަށް ގިނަ ބަލިތަކުން ރައްކާތެރި ކުރެވިގެންދާނެ ކަމަށެވެ.
އޭގެތެރޭގައި ގައިން ގަޔަށް ނާރާ ބަލިތައް ވީހާވެސް މަދު ކުރުމާއި، މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމާއި، ރަށްރަށުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާ ކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރަށްރަށުގައި ޤާއިމްކުރަމުން ދާ ފިޓްނެސް ސެންޓަރުތަކަކީ، ރާއްޖޭގެ ދުޅަހެޔޮކަން ޕްރޮމޯޓްކޮށް އާދައަކަށް ހެދުމަށް ސަރުކާރުން ހިންގާ މުހިންމު މަޝްރޫޢުތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިކަމުގެ ސަބަބުން އެކްޓިވް ސޮސައިޓީއެއް ބިލްޑް ކުރެވިއްޖެ ކަމަށްވާނަމަ އަޅުގަނޑުމެންގެ މަސައްކަތްތަކުގެ އެފިޝިއެންސީ ވަރަށް އިތުރުވާނެ. އެއީ ކޮންމެ ކަމެއް ކުރިކަމުގައިވިޔަސް ސޮސައިޓީއަށް ކޮންޓްރިބިއުޓް ކުރާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފުރިހަމަވާނެ" ވަޒީރު ވިދާޅުވިއެވެ.
ބުންވަރު ރަނގަޅު ރައްޔިތުންތަކެއްގެ ސަބަބުން އުފެއްދުންތެރިކަން އިތުރުވެ، ޖީޑީޕީއަށްވެސް އޭގެ އަސަރުކުރާނެ ކަމަށާއި، އެހެންކަމުން މި ކަމަކީ ނުސީދާކޮށް ސިއްޙީ ދުޅަހެޔޮކަމާއި ވަރަށް ގުޅުންހުރި ކަމެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވާދަވެރި ކުޅިވަރުތައް ކުޅޭ ކުޅުންތެރިންގެ ފިޓްނެސް މެއިންޓެއިން ކުރުމަށް ފިޓްނެސް ސެންޓަރުތައް ބޭނުން ކުރެވޭނެ ކަމަށާއި، އެއް މުބާރާތުން އަނެއް މުބާރާތަށް ދިއުމާއި، ކުރިން ހުރި ލެވެލްގައި ދޭތެރޭ ނުހިފެހެއްޓި ފިޓްނެސް ލެވެލް ވަރަށް ބޮޑަށް ދަށްވެގެން ދިއުމަކީ، ދިމާވާ މައްސަލައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެތުލީޓުންގެ ފެންވަރު ނުހިފެހެއްޓި އިތުރަށް މައްޗަށް ގެންދިއުމުގެ ޖާގަ މީގެ ކުރިން ނުލިބޭ ކަމަށާއި، އެހެންނަމަވެސް ފިޓްނެސް ސެންޓަރުތަކުން އެކަމަށް ޙައްލު ލިބޭނެ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް ކުޅިވަރުގައި އިތުރު ކާމިޔާބީތަކާއި ހަމައަށް ދެވޭނެ ކަމަށާއި، ފިޓްނެސް ސެންޓަރުތަކަކީ ޙަޤީޤަތުގައި މަތީފަންތީގެ ވަނަތަކާއި ހަމައަށް ދާން އޮތް މަގެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.