ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިޔަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ހޭންޑް ބޯޅަ ޓީމު ކުޅޫނު ދެވަނަ މެޗުގައި ތުރުކީ އަތުން ބަލިވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗާއި ހިލާފަށް މިމެޗަށް ރާއްޖެ ނިކުތީ ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކޮށްގެންނެވެ. ހާއްސަކޮށް ގިނީ މެޗްގައި ހެދުނު ގޯސްތައް ތުރުކީ މެޗުގައި ފެނިފައިވަނީ ވަރަށް މަދުންނެވެ. މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ރާއްޖޭގެ ކީޕަރު މަރިޔަމް ލީންވަނީ ތުރުކީގެ ހަމަލާތަށް ދިފާއުކޮށްފައެވެ. ރާއްޖެއަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ 7 ވަނަ މިނިޓުގައި ފާތިމަތު އަރުޝާއެވެ. އަދި ލިބުނު ޕެނަލްޓީއަކުން އަރުޝާވަނީ ދެވަނަ ގޯލުވެސް ޖަހާފައެވެ.
ތުރުކީއިން ގިނަ ގޯލުތައް ޖަހާފައިވަނީ ކައުންޓަރ އެޓޭކްތަކުގައެވެ. މި މެޗުގައި ރާއްޖެއަށް އެންމެ ބޮޑަށް އުނދަގޫވީ ތުރުކީގެ ކައުންޓަރ އެޓޭކުތައް ހުއްޓުވުމުގައެވެ. މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެއިން ޓައިމް އައުޓް ނެގިއިރު ފުރަތަމަ ހާފުގައި ލީޑު ކުރަމުންދިޔައީ ތުރުކީންނެވެ. އެއީ 14 ގޯލް 2 ގޯލްއިންނެވެ. ރާއްޖޭގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ އައިޝަތު އަނާއެވެ. އަދި ހަތަރު ގޯލްއާއި ފަސްވަނަ ގޯލްވެސް ރާއްޖެއަށް ކާމިޔާބުކޮށްދިނީ ފާތިމަތު ޖުނާއެވެ.
މިމެޗްގައި ރާއްޖެ ޓީމުގެ ފަރާތުން ތުރުކީގެ ގޯލަށް ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ތުރުކީގެ ކުޅުންތެރިން އިސްކޮޅުން ދިގުވުމާއި، ހަށިގަނޑު ވަރުގަދަވުމުގެ ސަބަބުން ގޯލު ޖެހުމަށް ގިނަ ހުރަސްތަކާއި ކުރިމަތިވިއެވެ.
މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަރުޝާވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ރާއްޖެއަށް ލިބުނު ޕެނަލްޓީވަނީ ތުރުކީގެ ކީޕަރު ދިފާޢުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ ތުރުކީން 29 ގޯލް 6 ގޯލުން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން މިނެޓްއެއްވެސް ނުވަނީސް ރާއްޖެއިންވަނީ ގޯލެއް ޖަހާފައެވެ. މިގޯލް ޖަހާދިނީ ޖުނާއެވެ. އޭގެފަހުން ގޯލެއް ޖެހުމަށް ރަފާހާ އިބްރާހިމްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއްނުވިއެވެ. އެހަމަލާވަނީ ތުރުކީގެ ކީޕަރު ދިފާޢުކޮށްފައެވެ. ދެވަނަ ހާފްގެ ކުރީކޮޅު ރާއްޖޭގެ ކީޕަރު މަރިޔަމް ލީންވަނީ ގާތްގާތުގައި ތުރުކީންއިން ފޮނުވާލި ގިނަ ހަމަލާތަށް ވަރަށް ހުށިއާރުކަމާއެކު ދިފާޢުކޮށްފައެވެ.
ރާއްޖެ ޓީމުގެ އަށްވަނަ ގޯލް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގެ 6 ވަނަ މިނެޓްގައި ޔަޝްފާ އާދަމްއެވެ. އޭގެ ފަހުން އާމިނަތު ޝަފާއަށް ގޯލް ޖެހުމަށް ލިބުނު ޕެނަލްޓީ ތުރުކީގެ ކީޕަރު ދިފާޢުކުރިއިރު، ކީޕަރުގެ އަތުގައި ޖެހިފައި ނިކުތް ބޯޅަވެސް ޝަފާއަށް ލިބި ކާމިޔާބުކުރެވޭ ގޮތް ނުވިއެވެ.
އޭގެ ފަހުން ޖުނާވަނީ ރާއްޖޭގެ 9ވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ ރާއްޖެއިންނެވެ. ނަމަވެސް ތުރުކީން ބޯޅަ ލިބުމާއެކު، އެކުޅުންތެރިންގެ ސްޕީޑް ބޭނުންކޮށްގެން ގޯލުގެ ފަރަގު ބޮޑު ކުރަމުންދިޔައެވެ.
ދެވަނަ ހާފްގެ 13 ވަނަ މިނެޓްގައި ޒުހާ ހުސެއިންވަނީ ރާއްޖޭގެ 10ވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މެޗުނިމިގެން ދިޔައީ، 63 – 13 އިން ތުރުކީ ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިމުބާރާތުގެ މެޗްއެއް މާދާމާވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ގައުމީ ފިރިހެން ހޭންޑް ބޯލް ޓީމް މާދަމާ ރާއްޖެ ގަޑިން މެންދުރު 2 ޖަހާއިރު ނިކުންނާނީ އިރާންއާއި ދެކޮޅަށެވެ.