އީރާނުގެ ސަލާމަތީ ބާރުތަކުން ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް ހިފަހައްޓައި، އެ އުޅަނދުގެ މިސްރާބު އީރާނާ ދިމާލަށް ބަދަލުކޮށްލާފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
މިއީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާއާއި ޔަހޫދީން އީރާނަށް ވަރުގަދަ ޙަމަލާތައް ދިން ފަހުން އީރާނުން ހިފަހައްޓާފައިވާ މި ފަދަ ފުރަތަމަ ޓޭންކަރެވެ. ޖޫން މަހުގެ ތެރޭގައި ހިނގި 12 ދުވަހުގެ ހަނގުރާމައަށް ފަހު އެ ސަރަޙައްދުގައި އީރާނުން ހިންގާ އަސްކަރީ ޙަރަކާތްތައް ވަނީ މަދުކޮށްފައެވެ.
މާޝަލް އައިލެންޑްސްގެ ދިދައިގައި އަދި އެމެރިކާއާ ނުސީދާގޮތުން ގުޅުންހުރި މި ޓޭންކަރު, ތަލާރާ، ދަތުރުކުރަމުން ދިޔައީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އައްސޭރިފަށުންނެވެ. އެނގިފައިވާ ގޮތުގައި، ސައިޕްރަސްގެ ކުންފުންޏެއް ކަމަށްވާ ޕަޝާ ފައިނޭންސްގެ އެ އުޅަނދުން އުފުލަމުން ދިޔައީ ގިނަ ޢަދަދަކަށް ސަލްފަރ ހިމެނޭ ގޭސްތެލެވެ. އެ އުޅަނދަކީ ޔޫއޭއީގެ އައްޝާރިޤާއިން ފުރައިގެން އިންޑިޔާ ކަނޑު ހުރަސްކޮށް ސިންގަޕޫރަށް ދިޔުމަށް ދަތުރު ކުރަމުންދިޔަ އުޅަނދެކެވެ.
އެމެރިކާގެ މަސްދަރަކުން ބުނީ އީރާނަކީ މީގެ ކުރިން ގަލްފު ކަނޑުގައި ދަތުރުކުރާ އުޅަނދުތައް ހިފަހައްޓަމުން ދިޔަ ޤައުމެއް ކަމަށެވެ. ނަމަވެސް ފަހުގެ މަސްތަކުގައި މި ފަދަ ގޮތަކަށް އެ ޤައުމުން ޢަމަލުކޮށްފައި ނުވާތީ ތަލާރާ ޓޭންކަރު އެ ޤައުމުން ހިފެހެއްޓުމަކީ ހައިރާންވާ ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.
ތަލާރާގެ މެނޭޖަރު، ކޮަލަމްބިޔާ ޝިޕް މެނޭޖްމަންޓުން ބުނީ އެ އުޅަނދާއެކު މުވާސަލާތީ ގުޅުން ކެނޑިފައި ވަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ޔޫއޭއީގެ ގަޑިން 08:22ގައި ކަމަށެވެ. އެއީ ޔޫއޭއީގެ ޚޯރު ފައްކަންއާ 20 ނޯޓިކަލް މޭލު ބޭރުން ކަމަށް އެ ކުންފުނިން ބުނެއެވެ. ކަމާބެހޭ އިދާރާތަކާ ގުޅިގެން އުޅަނދާއެކު އަލުން ގުޅުން ޤާއިމް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެ ހާދިޘާއާ ގުޅޭ އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.