ޚަބަރު

އެޗްޑީސީން 6 އަތޮޅެއްގައި ހައުސިންގ ޔުނިޓް އަޅަން ހުޅުވާލައިފި


  • އިއުލާންކުރީ ހދ، ށ، ލ، ރ، ޅ އަދި އައްޑު އަތޮޅުގެ ރަށްތަކަށް

  • 57 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ސަރުކާރުން އިޢުލާނުކޮށްފަވޭ

6 އަތޮޅެއްގައި ހައުސިންގ މަޝްރޫޢު ހިންގުމަށް ޝަޢުގުވެރިވާ ކުންފުނިތައް ހޯދަން ހައުސިންގ ޑިވެލޮޕްމަން ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ކޮށްފަވާ އިޢުލާނުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ހުޅުވާލާފަވަނީ ހދ، ށ، ލ، ރ، ޅ އަދި އައްޑު އަތޮޅުގެ ރަށްތަކުގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުން މި އަތޮޅުތަކުގެ 10 ރަށެއްގައި ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ.

އެޗްޑީސީގެ އިޢުލާނުގައި ވަނީ މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް، ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެއެވެ.

ސަރުކާރުން ވަނީ މިހާތަނަށް އަތޮޅުތަކުގެ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށްއިޢުލާނުކޮށްފައެވެ. އެއީ 12000އަށްވުރެ ގިނަ ހައުސިންގ ޔުނިޓެވެ. މީގެތެރެއިން ގިނަ ރަށްތަކަށް ކޮންޓްރެކްޓަރުން ޝަޢުގުވެރިކަން ފާޅުކޮށްފަވާއިރު، މިހާރު ގެންދަނީ ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އެގޮތުން މިމަހުގެ 6ވަނަ ދުވަހު، ރާއްޖޭގެ 123 ރަށެއްގައި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ދިވެހި ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، 13 ރަށެއްގައި ހައުސިން މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައެވެ. މި މަޝްރޫޢުގައި 13 ރަށުގައި 825 ހައުސިން ޔުނިޓް ތަރައްޤީކުރަން ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގައި ދެން ހިމެނޭ ރަށްތަކަށްވެސް ކޮންޓްރެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތްތައްތައް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ. ސަރުކާރުން ވިދާޅުވީ މިހާރު އިޢުލާނުކޮށްފަވާ 57 ރަށުގެ އިތުރަށްވެސް، ހައުސިން ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ކުރިއަށްގެންދާނެކަމަށެވެ.

މިއަހަރާ އަދި އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައިވެސް ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތަކަށް 1 ބިލިނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އިޖުތުމާއީ ދާއިރާތަކުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ބޯހިޔާވަހިކަމެވެ.